ހުޅުމާލެ ފޭސް 3 ހިއްކަނީ ކުނި އަޅައިގެން ނޫންކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.
ޢަލީ ޒުހައިރު މިހެން ވިދާޅުވީ، ހުޅުމާލެ ފޭސް 3 ހިއްކަމުންދަނީ ކުނި އަޅައިގެންކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.
ޢަލީ ޒުހައިރު ވިދާޅުވީ، ފޭސް 3 ހިއްކަމުންދަނީ ކުނި އަޅައިގެން ނޫންކަމަށެވެ. އެތަން ހިއްކަމުން ދަނީ ސީއެންޑީ އަޅައިގެންކަމަށާއި ސީއެންޑީ އަޅަނީ ވަރަށް ބޮޑަށް ބަލާ ވަކިކޮށްގެންކަމަށް ޒުހައިރު ވިދާޅުވިއެވެ.
ސީއެންޑީ އަކީ އިމާރާތްތަކާއި، މަގުތަކާއި، ފާލަންތައް ފަދަ އޮނިގަނޑުތައް ބިނާކުރުމާއި، މަރާމާތުކުރުމާއި، ނައްތާލުމުގެ ސަބަބުން އުފެދޭ ތަކެއްޗެވެ. މީގެ ތެރޭގައި ސިމެންތި، ލަކުނޑި، ދަގަނޑު، ޑްރައިވޯލް، އަދި ގާފަދަ ބަރު ތަކެތި ހިމެނެއެވެ. މިފަދަ ތަކެތި ވަކިކޮށް، މަޝްރޫޢުތަކުގައި އަލުން ބޭނުންކުރުމަކީ ކުނިގޮނޑުތަކަށް ކުރިމަތިވާ ބުރަ ކުޑަވެ، ގުދުރަތީ ވަސީލަތްތަކަށް އޮންނަ ބޭނުން ކުޑަވާނެ ކަމެއްކަން އެޗްޑީސީން ފާހަގަކުރެއެވެ.
”ކުނި އަޅައިގެނެއް ނޫން ހިއްކަމުން މިގެންދަނީކީ. އަޅުގަނޑުމެން މިތަނަށް މިއަޅަނީ ސީއެންޑީ. ސީއެންޑީ އަޅުގަނޑުމެން އަޅާއިރުވެސް އަޅުގަނޑުމެން މިއަޅަނީ ސީއެންޑީ މިކޮޅަށް ގެނެސް ސެގްރިގޭޓްކޮށްފައި އަދި އެޅުމުގެ ކުރިން ސެގްރިގޭޓްކޮށްފައި،“ ޢަލީ ޒުހައިރު ވިދާޅުވިއެވެ.
ހުޅުމާލެ ފޭސް 3 ހިއްކަމުން ދަނީ ކުނި އަޅައިގެން ކަމަށް ބުނާ ބުނުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުވެސް ވަނީ ދޮގުކުރައްވާފައެވެ.
ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކުނި އަޅައިގެން އެއްވެސް ތަނެއް ނުހިއްކާނެ ކަމަށާއި، އެއީ މުޅިން ހަޤީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. ފަރުކޮޅުފުށި ކައިރިން ހިއްކިއިރު އެތަނުގައި ހުރި ކުނިތައް ނަގައި، އެތަނަށް ގާކުނޑި އެޅުމުން ބައެއް ފަރާތްތަކަށް އެއީ ކުނި ކަމަށް ހީވެފައި އޮވެދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ބިން ހިއްކުމުގެ މަސައްކަތްތައް ކުރަނީ ބައިނަލްއަޤުވާމީ ކޮންޓްރެކްޓަރުން ކަމަށާއި، އެ މަސައްކަތްތައް ހަވާލުކުރަނީ ތިމާވެށީގެ އަސަރު ދެނެގަންނަ ރިޕޯޓް ނުވަތަ އީއައިއޭ (EIA) ހަދައިގެން ކަމަށެވެ.
އެހެންކަމުން، ކުނި އަޅައިގެން ތަންތަން ހިއްކުމަކީ ސަރުކާރުން ކުރާނެ ކަމެއް ނޫންކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.


