އެމެރިކާއާ އެކު ކުރެވުނު ދިގު މަޝްވަރާތަކުގެ އަލީގައި، ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި މައިގަނޑު 20 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްޙައިގެ އެއްބަސްވުމެއްގެ އޮނިގަނޑެއް ޔޫކްރެއިނުން މިއަދު ހުށަހަޅައިފިއެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވި ގޮތުގައި، ފާއިތުވި ހަފްތާތަކުގައި އެމެރިކާއާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، ކުރިން ރަޝިޔާއަށް ފައިދާވާ ގޮތަށް އޮތް 28 ނުކުތާގެ ހުށަހެޅުން ވަނީ އެއްބަސްވުމަކަށް އާދެވޭނެ މިންވަރަށް އިސްލާޙުކޮށްފައެވެ.
ނަމަވެސް، ޔޫކްރެއިންގެ ސަރަޙައްދުތައް ބެލެހެއްޓުމާއި ޒަޕޮރިޜިޔާ ނިޔުކްލިއަރ މަރުކަޒާ ގުޅޭ ކަންކަމުގައި އަދިވެސް ދެބަސްވުންތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. މި މައްސަލަތައް ޙައްލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު އިތުރަށް މަޝްވަރާކުރައްވާނެ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.
މި އޮނިގަނޑުގައި ހިމެނޭ މައިގަނޑު ކަންކަމުގެ ތެރޭގައި ޔޫކްރެއިންގެ އިސްތިޤުލާލު ޔަޤީންކުރުމާއި، ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެމެރިކާ، ވިލާތު އަދި ނޭޓޯގެ އެހީތެރިކަން ހޯދުން ހިމެނެއެވެ. އަދި ހަނގުރާމައިގައި ސުންނާފަތިވެފައިވާ ވަޞީލަތްތައް އަލުން ބިނާކުރުމަށް 800 ބިލިއަން އެމެރިކާ ޑޮލަރާ ހަމައަށް މާލީ އެހީ ފޯރުކޮށްދިނުމަށް ވެސް މި ހުށަހެޅުމުގައިވެއެވެ.
މީގެއިތުރުން، ކަނޑައެޅޭ ވަކި ތާރީޚެއްގައި ވިލާތުގެ އިއްތިޙާދު (އީޔޫ) ގެ މެމްބަރުކަން ޔޫކްރެއިނަށް ދިނުމާއި، އެމެރިކާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލުން ވެސް މި އޮނިގަނޑުގައި ހިމަނާފައިވެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން އެއަށް ޢަމަލުކުރުން ލާޒިމުވާނެ ކަމަށާއި، އެއްބަސްވުން ރޫޅައިލުމަށް އެއްވެސް ފަރާތަކުން އަސްކަރީ ބާރު ބޭނުންނުކުރާނެ ކަމުގެ ޔަޤީންކަން ވެސް އޮނިގަނޑުގައި ހިމެނެއެވެ.
2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކުރިއަށްދާ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެކި ފަހަރުމަތިން މަސައްކަތް ކުރެވުނު ނަމަވެސް، އަދިވެސް ދެ ޤައުމުގެ ދެމެދުގައި ވަރުގަދަ ޙަމަލާތައް ދަނީ ބަދަލުކުރެވެމުންނެވެ.




