ވައިގެމަގުން ރާއްޖެއަށް އެތެރެކުރާ މުދާ ކްލިއަރކުރުމަށް ކަސްޓަމްސްއިން ދެމުންގެންދާ ޚިދުމަތްތައް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަޢުދުވެވަޑައިގެންނެވި ގޮތަށް 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ކަސްޓަމްސްއިން މިއަދު ކުރި އިއުލާނެއްގައެވެ.
މި ބަދަލަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ގެނައި ބަދަލެކެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ކަސްޓަމްސްއާއި އެމްއޭސީއެލް ގުޅިގެން މުދާ ކްލިއަރެންސްގެ މަސައްކަތް މީގެ ކުރިން ކުރިއަށްދިޔައީ ދުވާލަކު 18 ގަޑިއިރު ކަމަށެވެ. ނަމަވެސް ވިޔަފާރިވެރިން ފާޅުކުރި ކަންބޮޑުވުންތަކަށް ބަލައި، އެ ޚިދުމަތް މެދުކެނޑުމެއްނެތި 24 ގަޑިއިރަށް ބަދަލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
”ކަސްޓަމްއާއި އެމްއޭސީއެލް ގުޅިގެން ކްލިއަރިން މަސައްކަތަށް މިހާރު މިއޮންނަނީ ގާތްގަނޑަކަށް އެއް ޝިފްޓު ނޫނީ 2 ޝިފްޓު މިއޮންނަނީ ގާތްގަނޑަކަށް 18 ގަޑިއިރުގެ ކްލިއަރިން މަސައްކަތް މިކުރަނީ. އެހެންވީމަ އެއީ 18 ގަޑިއިރުގައި އޮތުމުގެ ބަދަލުގައި 24 ގަޑިއިރަށް ބަދަލުކޮށްދޭނަން.“ ރައީސް ވިދާޅުވިއެވެ.
ޚިދުމަތުގެ ވަގުތު އިތުރުކުރުމުގެ އިތުރުން، މުދާ ޑެމަރޭޖް ނާރާނެހެން ފްރީކޮށް ބެހެއްޓޭ މުއްދަތަށްވެސް ބޮޑު ލުޔެއް ދެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ. އެގޮތުން ކުރިން އޮތް 80 ގަޑިއިރުގެ މުއްދަތު 124 ގަޑިއިރަށް އިތުރުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބަދަލުގެ ސަބަބުން ޑެމަރޭޖް ދައްކަންޖެހުމުގެ ސަބަބުން ވިޔަފާރިވެރިންނަށް ކުރިމަތިވާ މާލީ ބޮޑެތި ބުރަތަކަށް ލުޔެއް ލިބިގެންދާނެއެވެ.
މީގެއިތުރުން، އެއާޕޯޓާއި ސީޕޯޓްގައި ވިޔަފާރިވެރިންނަށް ދިމާވާ އެހެނިހެން ދަތިތަކަށްވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.




