ވ. އަތޮޅުގައި އޮތް ސަފާރީއެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ސަފާރީގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް އަދިވެސް އަލިފާން އެއްކޮށް ނިއްވާނުލެވޭ ކަމަށެވެ.
އަދި އަލިފާން އެއްކޮށް ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ޔަސާވާ ޕްރިންސަސް ނަމަކަށް ކިޔާ މި ސަފާރީގައި ރޯވެފައިވަނީ، ވ.އަތޮޅު ކުޑަ އަންބަރާ ކައިރިންނެވެ. ފުލުހުން ބުނީ ސަފާރީގައި ރޯވިކަމުގެ ރިޕޯޓް ލިބުނީ މިއަދު 17:54 ހާއިރުކަމަށެވެ.
މި މައުލޫމާތު ފުލުހުންނަށް ލިބުމާއެކު އެސަރަހައްދަށް ގޮސް ސަފާރީގައި ތިބި މީހުންނާއި ފަޅުވެރިން ސަލާމަތްކޮށް ފެލިދޫއަށް ގެންދިޔަކަމަށް ފުލުހުން ބުންޏެވެ.
ސަލާމަތް ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 17 ފަތުރުވެރިންނާއި 8 ފަޅުވެރިންނެވެ.
ފުލުހުން އަންނަނީ އެ ސަރަަހައްދުގައި ހަރަކާތްތެރިވަމުން ކަމަށާއި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.




