ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު ތިން މަޝްރޫއަކަށް އެ ގައުމުން 85 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ނިންމައި، އެކަމާ ގުޅޭ އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފިއެވެ.
މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރު ކޮންގް ޝިއަންހުއާއެވެ.
މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓްރީއާއި، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް އަދި ފޮރިން މިނިސްޓްރީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެހީގެ ޕެކޭޖުގެ ދަށުން ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ތަރައްގީއަށް މުހިންމު ތިން މަޝްރޫއަކަށް އިސްކަންދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ވިލިމާލޭގައި ”ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް“ ތަރައްގީކުރުން.
- މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު.
- ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 50 ކައުންސިލް އިމާރާތް ބިނާކުރުން.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ. ހަލީލް ވިދާޅުވީ، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމާއި ވަރުގަދަ އެއްބާރުލުން ރަމްޒުކޮށްދޭ އެއްބަސްވުމެއް ކަމަށެވެ. އަދި ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ސިނަމާލެ ބްރިޖާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ރާއްޖެއަށް ޗައިނާއިން ގެނެސްދީފައިވާ ބޮޑެތި ބަދަލުތައް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކުގައި ޗައިނާއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެރުވިއެވެ.
އަދި ދެ ގައުމުން އެއްބަސްވެފައިވާ މަޝްރޫއުތައް ކާމިޔާބުކަމާއެކު ތަންފީޒުކޮށް، ދެ ގައުމުގެ ރައްޔިތުންގެ ފާގަތިކަމަށް މަސައްކަތްކުރައްވާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.


