ތ. މަޑިފުށީގައި ފޯރުކޮށްދޭ ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، އެ ރަށަށް ފުރަތަމަ ފަހަރަށް ފުލުހުންގެ އެއްގަމު އުޅަނދެއް ގެންގޮސްފިއެވެ.
މިއަހަރު ނިމުމުގެ ކުރިން މަޑިފުއްޓަށް ފުލުހުންގެ އެއްގަމު އުޅަނދެއް ފޮނުވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އެރަށު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދެކެވެ.
މަޑިފުއްޓަކީ ފުލުހުންގެ މަރުކަޒެއް ގާއިމުކޮށް ޚިދުމަތް ދެމުން އަންނަ ރަށެއް ނަމަވެސް، އެއްގަމު އުޅަނދެއް ނެތުމުގެ ސަބަބުން ފުލުހުންނާއި ރައްޔިތުންނަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވެއެވެ. ޚާއްޞަކޮށް، މީހުން ހައްޔަރުކޮށްގެން ނުވަތަ ކޯޓަށް ގެންދިއުމުގައި އާންމުންގެ ކުރިމަތީގައި ހިނގާފައި ގެންދަން ޖެހުމަކީ ރަށުގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމެކެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު މަޑިފުއްޓަށް ކުރެއްވި ޒިޔާރަތުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އަހަރު ނިމުމުގެ ކުރީގައި މަޑިފުއްޓަށް ފުލުހުންގެ ވެހިކަލެއް ފޯރުކޮށްދޭނެ ކަމަށެވެ. އެމަނިކުފާނު ވަނީ އެ ރަށުގައި ފުލުހުންގެ އުޅަނދެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މަޑިފުއްޓަށް އަލަށް ގެންދިޔަ މި އުޅަނދަކީ ފުލުހުންގެ ޚިދުމަތުގައި ބޭނުންކުރާ އުޅަނދުތަކުގައި ހުންނަ ސަލާމަތީ ހުރިހާ ވަސީލަތްތަކެއް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ކާރެކެވެ. މިއާއެކު، ރަށުގެ އަމާންކަން ބެލެހެއްޓުމާއި ފުލުހުންގެ އިޖުރާއަތްތައް ފުރިހަމަކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މިކަމާ ގުޅިގެން ރަށުގެ ރައްޔިތުން ވަނީ އުފާފާޅުކޮށްފައެވެ. ރަށުން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި، ޕޮލިސް ސްޓޭޝަން ހުޅުވުނު ފަހުން މިކަން ކުރުމަށް ކުރީގެ ސަރުކާރުތަކުގައިވެސް މަސައްކަތް ކުރެވުނު ނަމަވެސް، މިއަދު މިވަނީ އެކަމަށް ދާއިމީ ހައްލެއް ލިބިފައެވެ.



