ނައިޖީރިއާގެ ބޯނޯ ސްޓޭޓްގެ ވެރިރަށް، މައިދުގުރީ ސިޓީގެ މިސްކިތެއްގައި ބޮމެއް ގޮއްވައިލުމާ ގުޅިގެން ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަހަމްވެއްޖެއެވެ.
މަޢްރިބް ނަމާދުގެ ވަގުތު ހިނގި މި ހާދިސާގައި މިހާތަނަށް ލިބިފައިވާ ރިޕޯޓްތަކަށް ބަލާއިރު 10 ވަރަކަށް މީހުން މަރުވެ، 30 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.
މި ހާދިސާ ހިނގި ގޮތާ ބެހޭ ގޮތުން އެކި މީޑިއާތަކުން ތަފާތު ރިޕޯޓްތައް ދަނީ ޝާއިއުކުރަމުންނެވެ. ބައެއް މީޑިއާތަކުން ބުނާ ގޮތުގައި މި ހަމަލާއަކީ މިސްކިތުގެ ތެރޭގައި ބޮމެއް ހަރުކޮށްގެން ދީފައިވާ ހަމަލާއެކެވެ. ނަމަވެސް، މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ އެހެން ބައެއް މަސްދަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ ޖާނުން ފިދާވެގެން ދީފައިވާ ހަމަލާއެކެވެ.
މި ހަމަލާއާ ގުޅިގެން ބޯނޯ ސްޓޭޓްގެ ފުލުހުންގެ ކޮމާންޑްގެ ތަރުޖަމާނު ނަހުމް ދާސޯ ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން މި ހަމަލާ އަކީ ޖާނުން ފިދާވުމުގެ ހަމަލާއެއް ކަމަށް ބެލެވޭ ކަމަށެވެ.
މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގައިފައެއް ނުވެ އެވެ. ނަމަވެސް، މި ހާދިސާ ހިނގި ސަރަހައްދަކީ ހަރުކަށި ފިކުރުގެ ބޯކޯ ހަރާމް ޖަމާއަތުގެ ނުފޫޒު ގަދަ ސަރަހައްދެކެވެ.
އެ ޖަމާއަތުން ދަނީ، 2009 ވަނަ އަހަރުން ފެށިގެން އެ ސަރަހައްދުގައި އެކި ކަހަލަ ހަމަލާތައް ދެމުންނެވެ.




