ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ދާއިމީ ހަތަރު މިސްކިތެއް ހުޅުވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ހުޅުވުމަށް އިއުލާން ކުރި 15 މިސްކިތުގެ ތެރެއިން ފަސްވަނަ އަދި ހަވަނަ މިސްކިތް މިއަދު ހުޅުވާފައިވާ ކަމަށެވެ.
މީގެ އިތުރުން ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ހުޅުމާލޭގެ އިތުރުން އަތޮޅުތަކުގައިވެސް ގިނަ މިސްކިތްތަކެއް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިއަދު އަލަށް ހުޅުވި މިސްކިތްތަކުގެ ތެރެއިން އެއް މިސްކިތަކީ އައްޑޫ ސިޓީ މަރަދޫގައި ސަރުކާރުގެ ޚަރަދުގައި ބިނާކުރި ”މަސްޖިދުއްރައްޔާން” އެވެ. 500 މީހުންގެ ޖާގަ ހިމެނޭ މި މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރުއެވެ. މިސްކިތް ހުޅުވުމަށްފަހު މިއަދުގެ ހުކުރު ޚުޠުބާ ދެއްވީވެސް ސްޓޭޓް މިނިސްޓަރެވެ.
އައްޑޫ ސިޓީގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި ބިނާކުރި ”މަސްޖިދުލްއީމާން” ވެސް މިއަދު ވަނީ ހުޅުވާފައެވެ. ތިން ފްލޯއަށް އިމާރާތްކޮށްފައިވާ މި މިސްކިތަކީ 1200 މީހުންގެ ޖާގަ ހިމެނޭ މިސްކިތެކެވެ. މި މިސްކިތުގައި ކުރެވުނު ފުރަތަމަ ހުކުރު ނަމާދު އިމާމުވެ ކުރެއްވީ ޒުވާން ޚަޠީބު އަލްޙާފިޒު ޢުވައިސް ބިން އިނާޒުއެވެ.
މިސްކިތްތައް ބިނާކުރުމުގެ މަޝްރޫޢުތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ކުރިއަށް އޮތް ތަނުގައި ހުޅުވުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ތެރޭގައި ސަރުކާރުގެ މަޝްރޫޢުތަކާއި ހެޔޮ އެދޭ އަމިއްލަ ފަރާތްތަކުން ބިނާކުރާ މިސްކިތްތައް ހިމެނޭ ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.



