ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗްޑީސީން ހުޅުމާލޭ ފޭސް 2 ގެ ހިޔާ ޕާކު (ރުއްގަނޑު 3) ސަރަހައްދުގައި ފޮތް ކިޔުމަށް ހާއްސަކޮށް ”ރީޑިންގ ނުކް“ އެއް ގާއިމްކޮށް، ހުޅުވައިފިއެވެ.
އެޗްޑީސީން ބުނިގޮތުގައި މިއީ ހިޔާ ޕާކު ސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތަކުން، އެ ސަރަހައްދުގައި ތިބެގެން ހިތްހަމަޖައްސާލައި ފޮތް ކިޔޭނެ މަގުފަހިކުރުމަށް ގާއިމްކުރެވުނު ނުކް އެކެވެ.
އެގޮތުން ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށްވެސް އެކަށީގެންވާ، ދިވެހި އަދި އިނގިރޭސި ފޮތްތައް މި ނުކްއިން ލިބެން ހުންނާނެއެވެ.
އޭގެ ތެރޭގައި، އެއް އަހަރާއި ހަ އަހަރުގެ ކުދިންނަށް ހާއްސަ ފޮތްތައް، ހަ އަހަރާއި ދިހަ އަހަރުގެ ކުދިންނަށް ހާއްސަ ފޮތްތައް، ޓީން ފިކްޝަން ފޮތްތައް، ދިވެހި ބަސް އުނގެނުމަށް ހާއްސަ ފޮތްތައް، އަދި ކެއްކުމާއި ލައިފްސްޓައިލްގެ އިތުރުން ދީނީ ފޮތްތައްވެސް ލިބެން ހުންނާނެއެވެ.
އެޗްޑީސީން ބުނީ ހިޔާ ޕާކު ސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތަކުން ފޮތް ކިޔަން ބޭނުންނަމަ ނުކް އިން ފޮތް ނެގުމަށްފަހު، އެ ޕާކު ސަރަހައްދުގެ ކޮންމެ ހިސާބެއްގައިވެސް ފޮތް ކިޔަން ތިބެވޭނެ ކަމަށެވެ. ނަމަވެސް އެ ސަރަހައްދުން ދިޔުމުގެ ކުރިން ފޮތް އަނބުރާ ރައްދުކުރަން އެޗްޑީސީއިން އެދިފައިވެއެވެ.
ރީޑިންގ ނުކް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 08:30 އިން ރޭގަނޑު 08:00 އަށެވެ.
މިއީ، ފޮތް ކިޔުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް، އަދި ހުޅުމާލޭގެ ކޮމިއުނިޓީ އެންގޭޖްމަންޓް އިތުރުކޮށް، ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކުރުމަށް ކުރިއަށްގެންދެވުނު މުހިންމު ޕްރޮޖެކްޓެކެވެ.

އެޗްޑީސީން ބުނީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެއަކީ ހިތްފަސޭހަ އަދި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރެވިފައިވާ ތަނަކަށް ހެދުމަށް ކަމަށެވެ.




