2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ބިރުވެރި ސުނާމީ ކާރިސާއިން ފެނިގެން ދިޔައީ ދިވެހިންގެ މެދުގައި އޮތް ބަދަހި ގުޅުމާއި އެއްބައިވަންތަކަމުގެ ރޫހު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މައުމޫން ވަނީ އެ ހަނދާންތައް އާކުރައްވައި، ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައެވެ.
މައުމޫން ފާހަގަކުރެއްވީ، 19 އަހަރު ފަހުންވެސް ސުނާމީ ކާރިސާއަކީ ދިވެހިންގެ އެއްބައިވަންތަކަމާއި އެކުވެރިކަން އަބަދުވެސް އާކޮށްދޭ ދުވަހެއް ކަމަށެވެ.
ސުނާމީ ކާރިސާ ކުރިމަތިވިއިރު، އޭރު ރާއްޖޭގެ ރައީސްކަމުގައި ހުންނެވީ ރައީސް މައުމޫން އަބްދުލްގައްޔޫމްއެވެ.
ސުނާމީގައި ގެއްލުން ލިބުނު ރައްޔިތުންނަށް އެހީތެރިވުމުގައި ދިވެހިން ދެއްކި އަޅައިލުމާއި އޯގާތެރިކަމަކީ، ދިވެހި ސަގާފަތުގެ ވަރަށް ރީތި މިސާލެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. މި ކާރިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސަރުކާރުގެ އިދާރާތަކާއި، ދިވެހި ސިފައިންނާއި ފުލުހުން އަދި ރައްޔިތުން ގުޅިގެން، ހާލުގައި ޖެހުނު މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ވަގުތުން ފެއްޓެވިއެވެ.
ހާލުގައި ޖެހުނު މީހުންނަށް ތަކެތި ފޯރުކޮށްދިނުމަށް ހުޅުވާލެއްވި ފުރުސަތުގައި ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަން ފެނިގެންދިޔައެވެ. ބޯފެނާއި، ބޭހާއި، ކާބޯތަކެއްޗާއި، އަންނައުނު ފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ހަމަޖެއްސުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށް ގެންދިޔައެވެ.
ދިވެހިންގެ ފަރާތުން ފެނުނު އެއްބައިވަންތަ ކަމުގެ ރީތި ނަމޫނާގެ ހަނދާން އާކުރަމުން ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް ދިވެހިން ފާހަގަކުރަމުން އަންނަނީ ”ގައުމީ އެއްބައިވަންތަކަމުގެ ދުވަސް” ގެ ގޮތުގައެވެ.



