ތައިލެންޑާއި ކެންބޯޑިއާގެ ބޯޑަރުގައި ހިނގަމުންދާ ނުރައްކާތެރި ހަނގުރާމަ ”ވަގުތުން“ ހުއްޓާލުމަށް އެ ދެ ގައުމުން އެއްބަސްވެއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ ދެ ގައުމުން ގުޅިގެން ނެރުނު ރަސްމީ ބަޔާނެއްގައެވެ.
މިދިޔަ އޮކްޓޯބަރު މަހު ސުލްހައިގެ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކުރި ނަމަވެސް، އަލުން ހަމަނުޖެހުން އުފެދުނީ ލޭންޑްމައިނެއް ގޮވައި ތައި ސިފައިންނަށް އަނިޔާވުމާ ގުޅިގެންނެވެ.
ކެމްބޯޑިއާގެ ސްޕެޝަލް ޖެނެރަލް ބޯޑަރ ކޮމިޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ”27 ޑިސެމްބަރު 2025 ވަނަ ދުވަހު ތައިލެންޑް ގަޑިން މެންދުރު 12:00 އިން ފެށިގެން މި ޖޮއިންޓް ސްޓޭޓްމަންޓުގައި ސޮއިކުރާ ވަގުތަށް ފަހު ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ދެ ފަރާތުން އެއްބަސްވާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހުރިހާ ދާއިރާއަކުން ހަނގުރާމަ ހުއްޓާލުމަށާއި، އާންމު ރައްޔިތުންނާއި މަދަނީ ތަކެއްޗާއި އިންފްރާސްޓްރަކްޗަރތަކަށް ހަމަލާނުދިނުމަށް ވަނީ ނިންމާފައެވެ.
ދެ ހަފްތާ ވަންދެން ކުރިއަށްދިޔަ މި ހަމަނުޖެހުންތަކުގެ ސަބަބުން ދެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުންނަށް ވަނީ އޭގެ ނޭދެވޭ އަސަރުކޮށްފައެވެ. ކެމްބޯޑިއާގެ އިންޓީރިއާ މިނިސްޓްރީން ހާމަކުރި ގޮތުގައި އެ ގައުމުގެ ބައި މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ.
ހަމައެއާއެކު، ތައިލެންޑުން ވެސް ގާތްގަނޑަކަށް 400،000 މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އެ ގައުމުން ރިޕޯޓްކޮށްފައިވެއެވެ.



