”ހަ ވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް 2024“ އެވޯޑް ނައިޓާއި، މުބާރާތް ނިންމުމުގެ ޙަފުލާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޝަރަފުވެރިކޮށްދެއްވައިފި އެވެ.
މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އެޕްރީލް މަހުގެ 26 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިއީ، މި އަހަރު ދިވެހިރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތެވެ. މި މުބާރާތުގައި ބައިވެރިވި ދިވެހިރާއްޖޭގެ ބައެއް ކުޅުންތެރިން ވަނީ އެކި ކެޓެގަރީތަކުން ވަނަތައް ހާސިލުކޮށްފަ އެވެ. ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ ”ހަ ވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް 2024“ އެވޯޑް ނައިޓާއި، މުބާރާތް ނިންމުމުގެ ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި މުބާރާތުން އެއްވަނަ ހާސިލުކުރި ފަރާތަށް އިނާމު ހަވާލުކޮށްދެއްވާފަ އެވެ. އަދި މި ޙަފުލާގައި ޚިދުމަތާއި ޝުކުރުގެ ހަނދާނީ ފިލާ ހަވާލުކޮށްދެއްވުމާއި މުބާރާތް ކުރިއަށްގެންދިއުމުގައި އެހީތެރިވެދެއްވި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާކޮށްދެއްވުން ކުރިއަށްދިޔަ އެވެ.
ދިވެހި ހުރިހާ އެތުލީޓުންނާއި ކުޅުންތެރީންގެ އަޑުއަހައިގެން، ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ދެއްވާފަ އެވެ. އަދި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ މި އަހަރުތެރޭގައި ކުޅިވަރު އެސޯސިއޭޝަންތަކަށް ކުރިއެރުމާއި ހަރަކާތްތެރިކަން އަންނާނޭ މަގުތައް މި ސަރުކާރުން ފަހިކޮށްދެއްވާނެކަމުގަ އެވެ. ހަމަ އެއާއެކު ކުޅިވަރު މުބާރާތްތަކަށް ދިވެހި އެތުލީޓުންނާއި ކުޅުންތެރީން ތަމްރީނުކުރުމާއެކު، ދުރު ރާސްތާގެ ދެމެހެއްޓެނިވި ކާމިޔާބީއަށް އަމާޒު ހިފައިގެން މައްސަކަތް ފައްޓަވާނެކަމުގައިވެސް އެމަނިކުފާނު ދެއްވި ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.




