ތަރިކައިގެ ދާއިރާއިން މަތީ ތަޢުލީމަށް ކިޔެވުމަށް ސްކޮލަރޝިޕް ލިބުނު ފަރާތްތަކުގެ ކިޔެވުން އަންނަ ޖަނަވަރީ މަހު ފަށާނެކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރިކައިގެ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ.
ސަރުކާރުން ތަރިކައިގެ ދާއިރާއިން މީހުން ބިނާކުރުމަށް ފަށާފައިވާ މި މަސައްކަތުގެ ދަށުން ޖުމްލަ 50 ސްކޮލަރޝިޕް ވަނީ ދޫކޮށްފައެވެ. މިއީ މާސްޓާސް ލެވަލްގެ ކޯސްތަކެއް ކަމަށާއި، މި ކޯސްތަކުގެ ކިޔެވުން ކުރިއަށްދާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ތަމްރީންތައް ފަށައިގަތުމުގެ މަރުހަލާ ދަނީ ކުރަމުން. މި ކޯސްތައް ޖެނުއަރީ މަހު އައިޔޫއެމްގައި ފަށާނެ ކަމަށެވެ.
”ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕް“ ގެ ނަމުގައި ތަޢާރަފުކުރި މި ފުރުޞަތަކީ ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ސްޕޮންސަރކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ސްކޮލަރޝިޕްގެ މައިގަނޑު މަޤުޞަދަކީ ދިވެހި ތަރިކައިގެ ޢިލްމު އުފައްދައި، މި ދާއިރާއަށް ބޭނުންވާ ޤާބިލު ތަރިކަވެރީންތަކެއް ބިނާކުރުން ކަމަށް ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ބުނެއެވެ.
މި ސްކޮލަރޝިޕްގެ ދަށުން ދަރިވަރުން ފުރިހަމަކުރަންޖެހޭނީ އިސްލާމީ ޔުނިވަރސިޓީގެ ”މާސްޓަރ އިން ރިސަރޗް އެންޑް ޕަބްލިކޭޝަންސް“ ޕްރޮގްރާމެވެ. ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ދިރާސީ މަސައްކަތުގެ ތެރެއިން، ކޮންމެ މަހަކު ދެ ދުވަހު ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގައި މަސައްކަތްކުރަން ޖެހޭނެއެވެ.
މި ޕްރޮގްރާމްގެ ބައިވެރިންނަށް ތަރިކައިގެ ދާއިރާގެ އެކި ފަންނުތައް ދަސްކުރުމުގެ ފުރުޞަތުގެ އިތުރުން، ޢިލްމީ އަދި ދިރާސީ ފޮތްތައް ޝާއިޢުކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.
މި ސްކޮލަރޝިޕްގެ ދަށުން ހުރިހާ ކޯސް ފީއެއް ދައްކައިދޭނީ ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުންނެވެ.




