ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ލޯ ކޯސްޓް އެއާލައިނެއް ކަމަށްވާ ހައިސްކައިއަށް ހިދުމަތް ދޭން ފަށައިފިއެވެ.
ޓާމިނަލް 1 އިން ހައިސްކައިއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގެ ގްރޫޕް ޖެނެރަލް މެނޭޖަރު އަލީ ޝާކިރުއެވެ. މި ރަސްމިއްޔާތުގައި ވޮޔޭޖަސްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިގްނާޒް މަންސޫރު އާއި ހައިސްކައިގެ އޮފިޝަލުންނާއި، އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޓާމިނަލް 1 އިން ހައިސްކައިއަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން ޓާމިނަލްއަށް ކައިރިކުރި ހައިސްކައިގެ ފުރަތަމަ ފްލައިޓް އިން ރާއްޖެ އައި 222 ފަތުރުވެރިންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.

ހައިސްކައި އެއާލައިނާއެކު އައު ޓާމިނަލް ބޭނުންކުރާ އެއާލައިންތަކުގެ އަދަދު ވަނީ 38 އަށް އަރާފައެވެ.
އެމްއޭސީއެލްއިން ބުނިގޮތުގައި، އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.



