މިދިޔަ މަހު ރަސްފަންނު ސަރަހައްދުގައި ހުޅުވި މާލޭގެ ފުރަތަމަ އާބަން ހެލްތު ކެއާ ސެންޓަރުން ކުޑަކުދިންނަށް ޚާއްސަ ”ޗައިލްޑް ހެލްތު ކްލިނިކް“ ގެ ޚިދުމަތްތައް މާދަމާ ފަށާނެ ކަމަށް، އައިޖީއެމްއެޗުން މިރޭ ބުނެފިއެވެ.
އައިޖީއެމްއެޗުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ކުޑަކުދިންނަށް ވިޓަމިން އޭ ދިނުމާއި، އެ ކުދިންގެ ހެދިބޮޑުވުން މޮނިޓާކުރުމާއި، ތުއްތު ކުދިންނަށް ގާތުން ކިރު ދިނުން ފަދަ ޚިދުމަތްތައް މި ކްލިނިކުން މާދަމާއިން ފެށިގެން ލިބޭނެއެވެ.
މި ޚިދުމަތްތައް ހުކުރު ދުވަސް ފިޔަވައި، ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 އިން 12:00 އަށް، އަދި މެންދުރު 13:00 އިން 15:30 އަށް ލިބޭނެއެވެ. މީގެ އިތުރުން ހޮނިހިރު ދުވަހު ހެނދުނު 10:00 އިން މެންދުރު 14:00 އާ ހަމައަށް ވެސް މި ޚިދުމަތްތައް ދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
މި ކްލިނިކުން ކުޑަކުދިންނަށް ވެކްސިން ދިނުމުގެ ޚިދުމަތް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އައިޖީއެމްއެޗުން ބުނީ ވެކްސިން ޖެހުމުގެ ޚިދުމަތް ދޭނީ އެޕޮއިންޓްމަންޓް އުސޫލުން ކަމަށެވެ.
މިއީ ކްލިނިކަށް ހާޒިރުވާ ފަރާތްތަކަށް އަވަސް އަދި ތަރުތީބުކޮށް ޚިދުމަތް ދިނުމަށް އެޅި ފިޔަވަޅެއްކަމަށް އައިޖީއެމްއެޗްއިން ބުނެފައިވެއެވެ.



