ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ބޭނުންވާ އިދާރީ މުވައްޒަފުންގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ފެބުރުވަރީ މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
މި އިންތިޚާބުތަކަށް އިދާރީ ގޮތުން އެހީތެރިވާނެ 100 އަށްވުރެ ގިނަ މުވައްޒަފުން ބޭނުންވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް މުވައްޒަފުން ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މާލެ ސަރަހައްދުގައި ވޯކް-އިން އިންޓަވިއުތަކެއް ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން، މިއަދު ކަލާފާނު ސްކޫލުގައި ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އިންޓަވިއުތައް ކުރިއަށްދިޔައިރު، އިއްޔެ ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައިވެސް އިންޓަވިއުތައް ބާއްވާފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ކޮމިއުނިކޭޝަން އެގްޒެކިއުޓިވް މަރިޔަމް ޝާހިޔާ ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި އިންތިޚާބުގެ މަސައްކަތްތަކަށް މުވައްޒަފުން ނަގަނީ މައިގަނޑު 7 ދާއިރާއަކުން ކަމަށެވެ. އޭގެ ތެރޭގައި ހިޔުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ދާއިރާ ހިމެނެއެވެ.
ވޯކް-އިން އިންޓަރވިއުތަކުގެ ތެރެއިން ވަޒީފާގެ ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު ދިނުމާއި، ފޯމު ފުރުމާއި، އެޕްލިކޭޝަން ސްކްރީން ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ޝަރުތު ހަމަވާ ފަރާތްތަކާ އިންޓަވިއުކޮށް، ބޭނުންވާ ހުނަރުތައް ހުރިތޯ ބެލުމަށް ޓެސްޓުތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ޝާހިޔާ ވިދާޅުވީ ވޯކް-އިން އިންޓަވިއުތައް ނިމުނު ނަމަވެސް، އަންނަ ފެބުރުވަރީ މަހުގެ 26 ވަނަ ދުވަހާ ހަމައަށް ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 4 ވަނަ ދުވަހަށެވެ.



