ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ ބައެއް، ރިމާންޑް ޖަލެއްގެ ގޮތުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ކަނޑައަޅައިފިއެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ކުރި އިއުލާނެއްގައި ވިދާޅުވީ، ޤާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ލިބިދޭ ބާރުގެ ދަށުން، އައްސޭރި ޖަލުގެ ޔުނިޓު 2ގެ ވިންގު 1 އަކީ ރިމާންޑް ޖަލެއްގެ ގޮތުގައި މިމަހުގެ 25 ވަނަ ދުވަހު މިނިސްޓަރު އަލީ އިހުސާން ކަނޑައަޅުއްވާފައިވާ ކަމަށެވެ.
މި ބަދަލާއެކު، އެ ސަރަހައްދަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ ބެލުމުގެ ދަށުން ހިނގާ ރިމާންޑް ޖަލެއްގެ ގޮތުގައި ބޭނުންކުރެވެމުންދާނެ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ރިމާންޑް ޖަލަކީ ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ޖެހޭ، ނަމަވެސް އަދި ހުކުމެއް ނުކުރާ މީހުން ބަންދުކުރުމަށް ހާއްސަ ކުރެވިފައިވާ ތަނެކެވެ.
މީގެ ކުރިން އައްސޭރި ޖަލަކީ ހަމައެކަނި އެކިއެކި ކުށްތައް ސާބިތުވެ، ހުކުމް ތަންފީޒު ކުރަމުންދާ މީހުން ބޭތިއްބުމަށް ބޭނުންކުރަމުން އައި ޖަލެކެވެ.



