ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ތާރީހުގައި ވެސް އެންމެ ބާރު ބޮޑު އެއް ދުވަހުގެ ގޮތުގައި މިއަދު ފާހަގަކުރެވިގެންދާނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
އެމްއޭސީއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިއަދު އެކަނިވެސް 27،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް އެއަރޕޯޓުން ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.
އެމްއޭސީއެލްއިން ބުނިގޮތުގައި، ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލުން މިއަދު 22,142 ފަސިންޖަރުންނަށް ހިދުމަތް ދީފައިވެއެވެ. އެއީ ރާއްޖެއިން ފުރާ 11,035 ފަސިންޖަރުންނާއި ރާއްޖެ އައި 11,107 ފަސިންޖަރުންނެވެ.

ޑޮމެސްޓިކް ޓާމިނަލުން މިއަދު ޖުމުލަ 4,843 ފަސިންޖަރުންނަށް ހިދުމަތް ދީފައިވާއިރު އެއީ މާލެއިން ފުރާ 2,652 ފަސިންޖަރުންނާއި މާލެ އަންނަ 2,191 ފަސިންޖަރުންނެވެ.

މީގެ އިތުރުން މިއަދު 239 އެއާ ޓްރެފިކް މޫވްމަންޓްސް ރެކޯޑް ކުރެވިފައިވެއެވެ.
”މިއަދަކީ އެއާޕޯޓުގެ ތާރީހުގައިވެސް އެންމެ ބާރު ބޮޑު އެއް ދުވަސް. ކިއުތަކުގައި ފަސިންޖަރުން ތިބެންޖެހޭ ވަގުތު އިތުރުވުން ކުޑަކޮށް، ހިދުމަތް އަވަސް ކުރުމަށްވެސް ޕްލޭންތައް ރާވައިގެން ކުރިއަށް ގެންދާނެ.“ މިކަމާ ގުޅޭގޮތުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވިއެވެ.
އަދި އެއާޕޯޓަށް ބާރު ބޮޑުވި ނަމަވެސް އާ ޓާމިނަލުން ފަސިންޖަރުންނަށް ލިބޭ ތަޖުރިބާ ރަނގަޅުވުމަކީ ލިބޭ އުފަލެއް ކަމަށްވެސް އިބްރާހިމް ޝަރީފް ފާހަގަކުރެއްވިއެވެ.



