ޔޫކްރެއިންއިން ޞުލްޙަވުމަށް ބޭނުން ނުވާ ކަމަށާއި، އެ ޤައުމުން ޞުލްޙަވެރިކަމާއެކު މައްސަލަ ޙައްލުކުރަން ނޭދޭނަމަ ރަޝިޔާއިން ބޭނުންވާ ކަންކަން ޙާޞިލް ކުރާނީ ބާރުގެ ބޭނުންކޮށްގެން ކަމަށް ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިން ވިދާޅުވެއްޖެއެވެ.
ޕުޓިން މިހެން ވިދާޅުވެފައި ވަނީ ރަޝިޔާއިން ޔޫކްރެއިންއަށް ވަރުގަދަ ޑްރޯން އަދި މިސައިލް ޙަމަލާތަކެއް ދިނުމުން، އެ ކަމުން ދައްކުވައިދެނީ ޔޫކްރެއިންއާ ޚިލާފަށް ރަޝިޔާއިން ދެ ޤައުމުގެ ދެމެދުގައި ކުރަމުންދާ ހަނގުރާމަ އަދިވެސް ކުރިއަށް ގެންދަން ބޭނުންވާކަން ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީތު ޒެލެންސްކީ ވިދާޅުވެފައިވަނިކޮށެވެ.
ހަތަރު އަހަރަށް ދެމިގެން ގޮސްފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ޒެލެންސްކީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޔޫކްރެއިނުން ހަނގުރާމަ ހުއްޓައިލުމަށް ބޭނުން ނުވާ ކަމަށް ޕުޓިން މި ދަނޑިވަޅުގައި ވިދާޅުވުމުން، މަޝްވަރާތަކުގައި ޔޫކްރެއިންއިން އެއްބާރުލުން ނުދޭނެ ކަމަށް ރަޝިޔާއިން ޤަބޫލުކުރާ ކަން ދޭހަވެއެވެ.
ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިނުން ބުނީ އެ ޤައުމުގެ އަސްކަރީ ފައުޖުން ޔޫކްރެއިންގެ ދޮނެސްކްއާއި ޒަޕޮރީޖާ ސަރަޙައްދުގެ ގިނަ އަވަށްތަކެއް ހިފާފައިވާ ކަމަށެވެ. ނަމަވެސް ޔޫކްރެއިނުން އެ ކަން ދޮގުކުރެއެވެ. ޔޫކްރެއިނުން ބުނީ ދެ ޤައުމުން އަދިވެސް ވަރުގަދަ ޙަމަލާތައް ބަދަލުކުރަމުންދާ ކަމަށެވެ.
ހަނގުރާމައިގެ މައިދާނުގެ އެންމެ އަދާހަމަ މަޢުލޫމާތު މި ޙާލަތުގައި ކަށަވަރުކުރުމަށް އެކި ހުރަސްތައް ހުރި ނަމަވެސް، ދެ ފަރާތުން ވެސް ދަނީ އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތަކާއި އަސްކަރީ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ.



