މި އަހަރުގެ މިހާތަނަށް އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރީ އިއްޔެ ކަމަށް ވިޒިޓް މޯލްޑިވްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނިގޮތުގައި، އިއްޔެ އެކަނިވެސް ރާއްޖެއަށް 9،903 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ފެށިފައިވާއިރު، މިދިޔަ ހަފުތާ ބަންދަކީ ފަތުރުވެރިން ވަރަށް ގިނައިން އައި ދުވަސްތަކެކެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު 8،368 ފަތުރުވެރިން އައިސްފައިވާއިރު، ހޮނިހިރު ދުވަހު 9،584 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މި މަހުގެ މިހާތަނަށް ރާއްޖެއަށް 2 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޑިސެންބަރު މަހާ އަޅާބަލާއިރު 8.2 އިންސައްތަ އިތުރު އަދަދެކެވެ.
މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 7،000 އަށް ވުރެ ގިނަ ފަތުރުވެރިން އަންނަ ކަމަށް ރެކޯޑުތަކުން ދައްކައެވެ.
މުޅި އަހަރަށް ބަލާއިރު، މިހާތަނަށް ރާއްޖެއަށް ޖުމްލަ 2.2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 2.0 މިލިޔަން ފަތުރުވެރިންނާ އަޅާބަލާއިރު 9.9 އިންސައްތައިގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރު 2 މިލިޔަން ފަތުރުވެރިން ހަމަވީ ޑިސެންބަރު 26 ގައެވެ. ނަމަވެސް މިއަހަރު އެ އަދަދު ހަމަވެފައިވަނީ މިދިޔަ އަހަރަށްވުރެ އެއް މަސްދުވަސް ކުރިންނެވެ.




