މެކްސިކޯގެ ހުޅަނގު ދެކުނު ސަރަހައްދެއްގައި ރޭލެއް ދަގަނޑުން ކަހާލައިގެން ހިނގި ނުރައްކާތެރި ހާދިސާއެއްގައި 13 މީހަކު މަރުވެ، 100 އެއްހާ މީހުން ޒަހަމްވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ އޯޒާކާ ރީޖަންގެ ނިޒާންޑާ އަވަށާ ދިމާލުން އޮންނަ ބެންޑަކުން ރޭލު ކަހާލައިގެންނެވެ.
މެކްސިކޯގެ ނޭވީން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގި ވަގުތު ރޭލުގައި ޖުމްލަ 241 މީހުން ދަތުރުކުރަމުން ދިޔައެވެ. މި ހާދިސާގައި މިހާތަނަށް 13 މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު، 98 މީހަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.
ޒަހަމްވި މީހުންގެ ތެރެއިން 36 މީހަކަށް މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން އަންނައިރު، އޭގެ ތެރެއިން ފަސް މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ރިޕޯޓުތައް ބުނެއެވެ. ބާކީ ތިބި މީހުންނަށް ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.
މި ހާދިސާއާ ގުޅިގެން މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބޯމް ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ. ރައީސް ވަނީ ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުރިހަމަ ތަހުގީގެއް ހިންގުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ދަގަނޑުން ކަހާލި މި ރޭލަކީ މީގެ ދެ އަހަރު ކުރިން އަލަށް ބޭނުންކުރަން ފެށި ރޭލެކެވެ.
މި ހާދިސާ ހިނގި ސަރަހައްދަކީ ރޭލު ދަތުރުފަތުރުގައި ފާހަގަކޮށްލެވޭ ސަރަހައްދަކަށް ވާއިރު، ތަހުގީގީ ޓީމުތަކުން މިހާރު އަންނަނީ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.



