ސަރުކާރުން އަލަށް ތަޢާރަފްކުރާ ޓެކްސީ ލައިންގެ ޑްރައިވަރުންގެ ވަޒީފާއަށް 366 މީހުން ކުރިމަތިލާފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެމްޓީސީސީން 407 ޑްރައިވަރުން ހޯދުމަށް އިޢުލާން ކުރީ މިދިޔަ މަހުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.
ވަޒީފާއަށް ހުޅުވާލި މުއްދަތު ހަމަވިއިރު ލިބުނު އެޕްލިކޭޝަންތަކުގެ ތަފްސީލް ހިއްސާކުރަމުން އެ ކުންފުނިން ބުނީ، ފުލްޓައިމް ޑްރައިވަރުންނަށް ވުމަށް އެދި 188 ހުށަހެޅުން ލިބިފައިވާ ކަމަށާއި، ޕާޓް ޓައިމް ޑްރައިވަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް 178 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ.
އެއްގަމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތައް ޙައްލު ކުރަން ސަރުކާރުން ފެށުމަށް ނިންމާފައިވާ މި ޓެކްސީ ލައިންގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ގްރޭޓާ މާލެ ސަރަޙައްދުގައެވެ.
އެމްޓީސީސީން ބުނި ގޮތުގައި ޑްރައިވަރުން ނެގުމުގައި މިވަގުތު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އިސްކަންދޭނެއެވެ.
ސަރުކާރުން ތަޢާރަފްކުރާ މި ޚިދުމަތުގައި ބޭނުންކުރާނީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލް (އީވީ) ތަކެވެ. މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ބޭރުގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ބޭނުންކުރާ ފަދަ ޚާއްޞަ އެޕްލިކޭޝަނެއް މެދުވެރިކޮށެވެ.
އަދި މި ޓެކްސީ ލައިންގެ ޚިދުމަތް 24 ގަޑިއިރު އާންމުންނަށް ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



