ޑިމާންޑު ބޮޑުވެ މޯލްޑިވިއަން އެއާރލައިނުން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމާފައިވާކަމަށް އެ އެއާރލައިނުން ހާމަކޮށްފިއެވެ.
މޯލްޑިވިއަންގެ މި ދަތުރުތަކަކީ ޢުމްރާވެރިން އުފުލުމަށް ޙާއްޞަކޮށްގެން ކުރިޔަށްގެންދާ ދަތުރުތަކެކެވެ. މި ދަތުރުތައް ފެށީ މި އަހަރުގެ ޖުލައި މަހުއެވެ.
މޯލްޑިވިއަނުން ޖިއްދާއަށް ސީދާ ދަތުރުތައް ބޭއްވުމަށް ނިންމީ މި މަހުގެ 11ވަނަ ދުވަހުއެވެ. މިއީ ސްކޫލް ބަންދާ ދިމާކޮށް ދަތުރުވެރިންނަށް ލުއިކުރުމަށް ގެނައި ބަދަލެއްކަމަށް މޯލްޑިވިއަނުން ބުނެއެވެ.
އެގޮތުން މާލެއިން ޖިއްދާގެ ދަތުރުތައް ފަށާފައިވަނީ މިމަހުގެ 27 އަދި 28 ވަނަ ދުވަހުއެވެ. އަދި ޖިއްދާއިން މާލެއަށް އައުމަށް ތިން ފްލައިޓެއް އޮޕަރޭޓު ކުރާއިރު ދަތުރުތައް ޝެޑިއުލްކޮށްފައިވަނީ އަންނަ މަހުގެ 10، 11 އަދި 12 ވަނަ ދުވަހަށެވެ.
މޯލްޑިވިއަނުން ބުނިގޮތުގައި ޑިމާންޑު ބޮޑުވުމުގެ ސަބަބުން ވިއްސަށްވުރެ ގިނަ ފްލައިޓް ޝެޑިއުލްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
މީގެ އިތުރުން މޯލްޑިވިއަނުން ދަތުރުކުރާ އިތުރު މަންޒިލްތަކުގެވެސް ފްލައިޓްތައް އިތުރުކުރަމުންދާކަމަށް އެއަރލައިނުން ބުންޏެވެ.




