ޓިކްޓޮކް ލައިވެއްގެ ތެރެއިން ތުއްތު ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ ވީޑިއޯ ނުޖައްސައި، އޯޑިއޯ އެކަނި ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ ލައިވަކަށް އަންހެނަކު އަރާ އިނދެ ދަރިފުޅަށް އަނިޔާ ކުރާ އަޑު އިވުމާ ގުޅިގެންނެވެ.
މައުލޫމާތު ލިބޭގޮތުގައި އެ އަންހެން މީހާ ހަޑިހުތުރު ބަހުން ހަޅޭއްލަވައި، އަނިޔާ ކުރީ އެއް އަހަރުވެސް ނުވާ ތުއްތު ކުއްޖަކަށެވެ.
ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުންގެ ކްރައިމް އެގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޝަރީފު ވިދާޅުވީ އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އަދި އިންޓެލިޖެންސުން ލިބުނު މައުލޫމާތަށް ބަލާއިރު މި ހާދިސާ ހިނގާފައިވަނީ މާލޭ ރީޖަންގައި ހިމެނޭ ރަށެއްގައި ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވި ގޮތުގައި އެ މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ އެކަމަށް އެޓެންޑްވެ، މައްސަލައިގެ ތަހުގީގު ފަށާފައެވެ.
”މާލޭ ރީޖަން ހިމެނޭ ރަށެއްގައި ހިނގާދިޔަ ކަމެއް ކަމަށް އަޅުގަނޑުމެންނަށް އިންޓެލިޖެންސުން މައުލޫމާތުތަކެއް ލިބުމާ ގުޅިގެން އެކަމަށް އެޓެންޑް ވެގެން އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން މިހާރު އެބަ ގެންދޭ،“ ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން، މިހާރު އެ ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ކަމުގެ ޔަގީންކަން ވެސް ޝަރީފް ވަނީ ދެއްވާފައެވެ.
މި މައްސަލައާ ގުޅިގެން މިނިސްޓްރީ އޮފް ސޯޝަލް ފެމިލީ ޑިވެލޮޕްމެންޓާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މިއީ ތަހުގީގު ކުރެވެމުންދާ މައްސަލައަކަށް ވާތީ، މައްސަލައިގެ އިތުރު ތަފްސީލެއް މިވަގުތު ހާމަކޮށްފައެއް ނުވެއެވެ.
މި ބައްދަލުވުމުގައި ޝަރީފް ވަނީ ޓިކްޓޮކް ފަދަ މީސްމީޑިއާ މަންސަތައް ބޭނުން ކުރާ ފަރާތްތަކުން ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.
އަދި ނޭނގުމުގައި ވެސް ކުޑަކުދިންގެ ފޮޓޯތައް ހިއްސާ ނުކުރުމަށާއި، އެފަދަ ކަމެއް ފާހަގަކުރެވިއްޖެ ނަމަ ވަގުތުން ފުލުހުންނަށް ރިޕޯޓް ކުރުމަށް ވެސް ޝަރީފް ވަނީ އިލްތިމާސް ކުރައްވާފައެވެ.



