އައްޑޫ ސިޓީގައި ހިންގަމުން އައި ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ، ގިނަ ދުވަސްތަކަކަށްފަހު އަލުން ހުޅުވައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި ރިސޯޓު އަލުން ހުޅުވައި، އެ ރިސޯޓަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މިއަދު ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
ޝަންގްރިއްލާ ރިސޯޓަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރު ބަންދުކުރި ރިސޯޓެކެވެ. އެ އަހަރުން ފެށިގެން މިހާތަނަށް އޮޕަރޭޝަނަށް ނުގެނެވި އޮތް މި ރިސޯޓު އަލުން ހުޅުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި އައްޑޫ ރައްޔިތުންނަށް ވެވަޑައިގެންނެވި މުހިންމު ވައުދެކެވެ.
މިދިޔަ މި މަހުގެ ކުރީކޮޅު ރައީސް އައްޑު އަށް ކުރެއްވި ދަތުރުގައި ވަނީ ޝަންގްރިއްލާ ރިސޯޓުގެ ތައްޔާރީތައް ބައްލަވާލައްވާފައެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗެއްގައި ގާތްގަނޑަކަށް ފަސް މިނިޓުން ދެވޭހާ ކައިރީގައި އޮންނަ މި ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. 2008 ވަނަ އަހަރު ހުޅުވި މި ރިސޯޓުގައި 60 ވޯޓާ ވިލާ، 26 ބީޗް ވިލާ، 28 ޕޫލް ވިލާ، އަދި 16 ޓްރީ ހައުސް ވިލާގެ އިތުރުން ދެ ޕްރެޒިޑެންޝަލް ވިލާ ހިމެނެއެވެ.



