ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެ ކެންބޯޑިއާއިން 250 ޑްރޯން ތައިލެންޑުގެ ސަރަހައްދަށް ފޮނުވި ކަމަށް އެ ގައުމުން ތުހުމަތުކޮށްފިއެވެ.
ކެންބޯޑިއާ އާއި ތައިލެންޑުން މިދިޔަ ހޮނިހިރު ދުވަހު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައި ވަނިކޮށް، ތައިލެންޑުން ކުރި މި އާ ތުހުމަތާއެކު އެއްބަސްވުން ދެމިއޮތުމާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.
ތައިލެންޑް ސިފައިން ހޯމަ ދުވަހު ހާމަކުރި ގޮތުގައި، ނިމިދިޔަ ހުކުރު ދުވަހުގެ ރޭ ކެމްބޯޑިއާ އިން 250 އަށް ވުރެ ގިނަ އަންމެނޭޑް އެރިއަލް ވެހިކަލް (ޔޫއޭވީ) ނުވަތަ ޑްރޯން ވަނީ ތައިލެންޑްގެ ސަރަހައްދަށް ވަދެފައެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެޅުނު ހުރަހެއްގެ ގޮތުގައި ތައިލެންޑުން ސިފަކުރެއެވެ.
ހޮނިހިރު ދުވަހު ބޭއްވި ބައިލެޓަރަލް ބޯޑަރު ކޮމިޓީގެ ބައްދަލުވުމުގައި ތައިލެންޑުން ބުނެފައިވަނީ، މިފަދަ އަމަލުތަކަކީ ޕްރޮވޮކޭޝަން އަދި ޓެންޝަންތައް ކުޑަކުރުމަށް އަމާޒުކޮށްގެން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފު ކަމެއް ކަމަށާއި، އެއީ އެއްބަސްވެފައިވާ ޖޮއިންޓް ސްޓޭޓްމަންޓާވެސް ހިލާފު ކަމެއް ކަމަށެވެ.
މި މަހު އަލުން ފެށުނު ކުރިމަތިލުންތައް ދެ ފަރާތުގެ ބޯޑަރު ޕްރޮވިންސްތަކަށް ފުޅާވެފައިވާއިރު، މީގެ ކުރިން ގާއިމްކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތައް ވެސް ވަނީ ފުނޑުފުނޑުވެފައެވެ. ހޮނިހިރު ދުވަހު ސޮއިކުރި އާ އެއްބަސްވުމުގެ ދަށުން ހަނގުރާމަ ހުއްޓާލުމާއި، ސިފައިންގެ ހަރަކާތްތައް ހުއްޓުވުމުގެ އިތުރުން، ބޯޑަރު ސަރަހައްދުގައި ހުރި މައިންތައް ނައްތާލުމާއި ސައިބަރ ކްރައިމްއާ ދެކޮޅަށް މަސައްކަތް ކުރުމަށް ދެ ގައުމުން އެއްބަސްވެފައިވެއެވެ.
މީގެ އިތުރުން، ބޯޑަރު ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުންނަށް ވީހާވެސް އަވަހަކަށް އެނބުރި ގައުމަށް ދިއުމުގެ ހުއްދަ ދިނުމަށް ވެސް ވަނީ ނިންމާފައެވެ. އަދި ތައިލެންޑުން ޖުލައި މަހު އަތުލައިގަތް ކެމްބޯޑިއާގެ 18 ސިފައިން 72 ގަޑިއިރުގެ ތެރޭގައި އަނބުރާ ގެންދިއުމަށް ވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.
ނަމަވެސް ޑްރޯން ފޮނުވި ކަމަށް ބުނާ މައްސަލައާ ގުޅިގެން މި ހުރިހާ ކަމަކަށް މިހާރު ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.



