ކުރިޔަށް އޮތް ސާފް ފުޓްސަލް ޗެލެންޖަށް ތައްޔާރުވުމުގެ ގޮތުން ތަމްރީނުތައް ފުރިހަމަކުރުމަށްޓަކައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު މިއަދު ހެނދުނު ޗައިނާއަށް ފުރައިފިއެވެ.
މި ދަތުރުގައި ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުގައި ހިމެނޭ 17 ކުޅުންތެރިންނާއި އޮފިޝަލުން ބައިވެރިވެއެވެ.
ޗައިނާގެ ގުއަންޒޫގައި ކުރިޔަށް ގެންދާ މި ޓްރެއިނިން ކޭމްޕަކީ އަންނަ މަހު ތައިލެންޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ފުޓްސަލް ޗެލެންޖަށް ޓީމު ވަރުގަދަކުރުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. ގައުމީ ޓީމުން ޗައިނާގައި ފަރިތަކުރުންތައް ފުރިހަމަކުރުމަށްފަހު، މުބާރާތުގައި ވާދަކުރުމަށް ސީދާ ތައިލެންޑަށް ދަތުރުކުރާނީ ޗައިނާ މަގުންނެވެ.
މި މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 އިން 16 އަށް ތައިލެންޑުގައެވެ. މި މުބާރާތަކީ ލީގު އުސޫލުން ކުރިއަށްގެންދާ މުބާރާތެކެވެ.
މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާނީ ޕާކިސްތާން، ބަންގްލަދޭޝް، އިންޑިއާ، ނޭޕާލް، ބޫޓާން އަދި ސްރީ ލަންކާ އެވެ.



