ރުޤްޔާކުރުމުގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، ޖިސްމާނީ އަނިޔާދިން މައްސަލައެއްގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އެ މީހުން ދިގު މުއްދަތަކަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލާގައި ހުކުމް އިއްވާފައިވަނީ ރ. ކަނދޮޅުދޫ، މިރިހިމާގެ އިސްމާޢީލް ވަޙީދާއި، އެ ރަށު ދިލްސާދުއާގެ މުޙައްމަދު އަޞީލްގެ މައްޗަށެވެ.
މި މައްސަލައަކީ 2020 ވަނަ އަހަރުގެ ތެރޭގައި އެކި ދުވަސްމަތިން، އަންހެނަކާއި އުމުރުން 18 އަހަރު ނުފުރޭ ތިން ކުދިންނަށް ރުޤްޔާ ކުރުމުގެ ނަމުގައި ޖިސްމާނީ ހާނިކަކޮށް، ޖިންސީ ގޯނާކުރި މައްސަލައެކެވެ.
މި މައްސަލާގައި ދައުލަތުން މި ދެ މީހުންގެ މައްޗަށް ޖުމްލަ 12 ދައުވާއެއް އުފުލާފައިވަނީ 30 ޑިސެންބަރު 2020 ގައެވެ. ކްރިމިނަލް ކޯޓުން 31 ޑިސެންބަރު 2024 ގައި ކުރި ހުކުމުގައި ވަނީ މި ހުރިހާ ދައުވާތަކެއް ސާބިތުވާކަމަށް ކަނޑައަޅާފައެވެ.
މުޙައްމަދު އަޞީލަށް އިއްވި އަދަބު
މި މައްސަލާގައި އެންމެ ބޮޑު އަދަބެއް ކަނޑައަޅާފައިވަނީ މުޙައްމަދު އަޞީލްގެ މައްޗަށެވެ. އޭނާގެ މައްޗަށް ސާބިތުވި ކުށްތަކުގެ ތެރޭގައި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމާއި، ކުޑަކުއްޖެއްގެ ކުރިމަތީގައި ޖިންސީ އަމަލެއް ހިންގުމާއި، ޖިންސީ ގޯނާކުރުން އަދި ކުޑަކުއްޖަކު އެކްސްޕްލޮއިޓް ކުރުން ހިމެނެއެވެ. މީގެ އިތުރުން ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި އަނިޔާދިނުމުގެ ކުށްވެސް ވަނީ ސާބިތުވެފައެވެ.
މި ހުރިހާ ކުށަކަށް އޭނާގެ މައްޗަށް ވަނީ 25 އަހަރާއި 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
އިސްމާޢީލް ވަޙީދަށް އިއްވި އަދަބު
އިސްމާޢީލް ވަޙީދުގެ މައްޗަށް ސާބިތުވެފައިވަނީ ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށާއި، ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓްނުކުރުމުގެ ކުށެވެ. އަދި ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި ގައިގައި އަތްލުމުގެ ދެ ދައުވާއެއްވެސް އޭނާގެ މައްޗަށް ވަނީ ސާބިތުވެފައެވެ.
މި ކުށްތަކުގެ އަދަބެއްގެ ގޮތުން އޭނާ 6 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.



