ގިނަ ދުވަސްތަކެއް ވަންދެން ދެ ލޮލުގެ ފެނުން ގެއްލިފައިވާ ދީނީ އިލްމުވެރިޔާ ޝައިހް މުހައްމަދު އިބްރާހީމް (ނައިފަރީ) އަށް އިސްލާމިކް މިނިސްޓްރީ އިން ވަޒީފާއެއް ހަމަޖައްސައިދީފިއެވެ.
ޝައިހް އިބްރާހިމް އައްޔަންކޮށްފައިވަނީ އެ މިނިސްޓްރީގެ ’ދައުވާ އެންޑް ގައިޑެންސް ސެކްޝަން’ގެ ވާއިޡު މުޝްރިކްގެ މަގާމަށެވެ.
މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ޝައިހް އައްޔަންކުރެއްވި މި މަގާމަކީ ރޭންކް 7 ގެ މަގާމެކެވެ. މި މަގާމުގެ މުސާރައަކީ މަހަކު 14,225 ރުފިޔާއެވެ. މިއީ ޝައިހްގެ އިލްމީ ގާބިލުކަމާއި ދީނީ ދައުވަތުގެ ދާއިރާއަށް ކޮށްދެއްވާފައިވާ ހިދުމަތްތަކަށް ބަލައި ހަމަޖައްސައިދިން ވަޒީފާއެކެވެ.
އައްޝައިޚް މުޙައްމަދު އިބްރާހިމް އިއްޔެއާ ހަމައަށް ހުންނެވީ ޅ. ނައިފަރު މަދްރަސަތުލް އިފްތިތާޙްގެ އިސްލާމް ޓީޗަރެއްގެ މަގާމުގައެވެ. ނަމަވެސް، ލޮލުގެ ފެނުން ގެއްލުމާ ގުޅިގެން ސިއްހީ ހާލަތު ހުރިގޮތުން ޝައިހް ނޯޕޭ ލީވްގައި ހުންނަވާތާ މިހާރު ވަނީ 4 އަހަރު ވެފައެވެ.
ދެ ލޮލުގެ ފެނުން ގެއްލުމުގެ އިތުރުން ޝައިހް އިބްރާހިމް ގެންދަވަނީ ސިއްހީ އެކިއެކި ބޮޑެތި ކަންކަމަށް ފަރުވާކުރައްވަމުންނެވެ. އެގޮތުން 2023 ވަނަ އަހަރު ސިކުނޑީގެ ޓިޔުމަރު ނަގަން އޮޕަރޭޝަނެއް ކޮށްފައިވާއިރު، އެ އޮޕަރޭޝަނުގައި ޓިއުމަރުގެ 75 އިންސައްތަ ވަނީ ނަގާފައެވެ.
ނަމަވެސް ބާކީ ހުރި 25 އިންސައްތައިގެ ހާލަތު ބެލުމަށް ހަދަންޖެހޭ އެމްއާރުއައި ސްކޭން އަދިވެސް ނުހެދޭއިރު، ދޭތެރެއަކުން ކިޑްނީގެ މައްސަލަތައް ވެސް ޝައިހަށް ކުރިމަތިވެއެވެ.
ޝައިހް މުހައްމަދު އިބްރާހީމަކީ ދީނީ ދަރުސްތައް ދެއްވުމުގެ އިތުރުން ދިވެހިބަހުން ގިނަ އަދަދެއްގެ ފޮތްތައް ލިޔުއްވައި، އަރަބި ފޮތްތައް ތަރުޖަމާ ކުރައްވާފައިވާ ބޭފުޅެކެވެ.
ޝައިހް ލިޔުއްވާފައިވާ ފާހަގަކޮށްލެވޭ ފޮތްތަކުގެ ތެރޭގައި ’ޙިސްނުލް މުސްލިމް’، ’ކިތާބުއް ޞިޔާމު’، ’ނަބީބޭކަލުންގެ ތަރިކަ’، ’ތައުޙީދުގެ ޚުލަސާ‘ އަދި ’ކިތާބުއް ޞަލާތު‘ ފަދަ މުހިންމު ފޮތްތައް ހިމެނެއެވެ.



