ބ. ދޮންފަނުގައި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހަކަތަ އުފެއްދުމަށްޓަކައި، ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
މިއީ އެ ރަށުގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލްގެ މިންވަރު މަދުކޮށް، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާރޖީން ވިދާޅުވެއެވެ.
މި މަޝްރޫޢުގެ ތަފްސީލު ހާމަކުރައްވަމުން ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަސައްކަތުގެ ދަށުން ދޮންފަނުގައި 301 ކިލޯވޮޓު ޕީކުގެ ސޯލާ ފޮޓޯވޮލްޓައިކް ނިޒާމެއް ޤާއިމުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން، އިރުގެ އަލިން އުފައްދާ ހަކަތަ ރައްކާކުރުމަށްޓަކައި 537.6 ކިލޯވޮޓު އަވާގެ ބެޓެރީ އެނާރޖީ ސްޓޯރޭޖް ސިސްޓަމެއްވެސް މި މަޝްރޫޢުގެ ތެރެއިން އެ ރަށުގައި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
މި ނިޒާމު ރަސްމީކޮށް ބޭނުންކުރަން ފެށުމުން ލިބޭނެ ފައިދާތަކަށް ބަލާއިރު، ދޮންފަނުގައި ކަރަންޓު އުފެއްދުމަށް އަހަރަކު ބޭނުންކުރާ ޑީސަލްގެ ތެރެއިން 141,443 ލިޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެކަމަށް އެ ވުޒާރާއިން ލަފާކުރެއެވެ. އަދި މީގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުވެ، ކާބަން ޑައިއޮކްސައިޑް ބޭރުކުރާ މިންވަރުން އަހަރަކު 347 ޓަނު މަދުވެގެންދާނެއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަކަތައިގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.
ރައީސްގެ އަމާޒަކީ 2028 ވަނަ އަހަރުގެ ކުރިން، ރާއްޖޭގެ ކަރަންޓުގެ ބޭނުންތަކުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެއްދެވުމެވެ.



