ދީނީ އިލްމުވެރިޔާ ޝެއިޚް މުހައްމަދު އިބްރާހިމް (ނައިފަރީ) ލޮލުގެ ފަރުވާއަށް ތައިލެންޑަށް ފުރައިފިއެވެ.
ޝެއިޚްގެ ބޭސްފަރުވާގެ ކަންކަމުގައި އިސްވެ ހަރަކާތްތެރިވާ ”އެހީ“ ޖަމިއްޔާއިން ބުނި ގޮތުގައި، ޝެއިޚް ތައިލެންޑަށް ފުރާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ޝެއިޚް ނައިފަރީ ބޭސްފަރުވާއަށް ތައިލެންޑަށް ފުރުމުގެ ތައްޔާރީތަކަށް މާލެ ވަޑައިގެންފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. މާލޭގައި ހުންނެވި ދުވަސްތަކުގައި ތައިލެންޑުގެ ބެންކޮކް ހޮސްޕިޓަލާއެކު އޮންލައިން ކޮންސަލްޓޭޝަންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެހީ ޖަމިއްޔާއިން މައުލޫމާތުދެއެވެ.
މީގެ އިތުރުން، ކުރިން ހަދާފައިވާ ޓެސްޓުތަކުގެ މުއްދަތު ހަމަވެފައިވާތީ، މާލޭގެ ހޮސްޕިޓަލަކުން ލޮލުގެ ކަންކަމާ ގުޅޭ ޓެސްޓުތައް އަލުން ވަނީ ހައްދަވާފައެވެ.
ޝެއިޚްގެ ދެ ލޮލުގެ ފެނުން ގެއްލިފައިވާތީ، އެކަމަށް ފަރުވާ ހޯދުމަށް ބޭނުންވާ ފައިސާ ހޯދުމަށް ”އެހީ“ ޖަމިއްޔާގެ ”އެދިހަ“ ޕޯޓަލް މެދުވެރިކޮށް ވަނީ ހާއްސަ ފަންޑެއް ހުޅުވާފައެވެ. އެ ޖަމިއްޔާއިން ބުނީ ޝެއިޚްގެ ބޭސްފަރުވާގެ ހަރަދުތަކަށް ބަލައި، އިތުރު އެހީއެއް ބޭނުންވެއްޖެ ހާލަތެއްގައި ހޮސްޕިޓަލުން އެންގުމުން އެކަމަށް ހާއްސަ ކެމްޕޭނެއް އަލުން ހުޅުވާނެ ކަމަށެވެ.
އެހީ ޖަމިއްޔާއިން ވަނީ ޝެއިޚް މުހައްމަދު އިބްރާހިމްގެ މި މެޑިކަލް ދަތުރު ކާމިޔާބު ކުރުމަށްޓަކައި އެންމެހާ ރައްޔިތުންގެ ދުއާއަށް އެދިފައެވެ. އަދި އިތުރު އެހީއެއް ބޭނުންވެއްޖެ ހާލަތެއްގައި އަބަދުވެސް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބުމަށް އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މިހާރުވެސް މި ކެމްޕޭނާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކާއި ޝެއިޚްގެ ފަރުވާގެ ކަންކަމާ ގުޅޭ އަދާހަމަ ”އެދިހަ“ ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެ ކަމަށް އެހީ ޖަމިއްޔާއިން ހާމަކުރެއެވެ.



