ފަލަސްތީނުގެ ޣައްޒާގައި ފިނިގަދަވެ، ފެންބޮޑުވުމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 25 އަށް އަރައިފި ކަމަށް އެ ގައުމުގެ މީޑީއާ ރިޕޯޓްތަކުން ހާމަކޮށްފިއެވެ.
ޣައްޒާގެ މީޑީއާ ރިޕޯޓްތަކުން ބުނާ ގޮތުގައި، ފިނި މޫސުމުގެ ސަބަބުން ވަގުތީ ޓެންޓުތަކުގައި ފެންބޮޑުވެ، ބައެއް އިމާރާތްތައް ވަނީ ވެއްޓިފައެވެ. ސިވިލް ޑިފެންސުން ބުނާ ގޮތުގައި ފިނި މޫސުމުގެ ސަބަބުން މިހާތަނަށް 25 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ހަ ކުޑަކުދިން ވެސް ހިމެނެއެވެ.
މީގެ އިތުރުން އަސާސީ ހިދުމަތްތައް ލިބުމުގައި ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
ޣައްޒާގެ ހާލަތު އިތުރަށް ގޯސްވަމުންދާއިރު، އާބާދީގެ 77 އިންސައްތަ ކުދިން އަންނަނީ ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންނެވެ. ގާތްގަނޑަކަށް 800,000 މީހުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ކާބޯތަކެތި ލިބުމުގައި ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.
ހޮސްޕިޓަލްތަކުން ތެޔޮ ހުސްވަމުން ދިއުމުގެ ސަބަބުން ވޯޑުތަކާއި، އައިސީޔޫތަކުގެ އިތުރުން އިމަޖެންސީ ހިދުމަތްތައް ބަންދުކުރަން ވަނީ މަޖުބޫރުވެފައެވެ.
ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ފަހުން 80 ދުވަސް ވެފައިވާއިރު، އިސްރާއީލުން އަދިވެސް އަންނަނީ ހުއްޓުމެއް ނެތި ބޮމުގެ ހަމަލާތައްދީ ޣައްޒާގެ ރައްޔިތުން ޝަހީދުކުރަމުންނެވެ.
ދާދިފަހުން އިސްރާއީލުން ދިން ހަމަލާތައް އަމާޒުކޮށްފައިވަނީ ޖަބާލިޔާ ރެފިއުޖީ ކޭމްޕާއި، އަލް ބްރޫޖް، އިރުމަތީ ރަފާހް އަދި ޣައްޒާ ސިޓީގެ ބައެއް ސަރަހައްދުތަކަށެވެ. ޖަބާލިޔާގައި ދިން ހަމަލާތަކުގައި އެކަނިވެސް ތިން މީހަކު ޒަހަމްވެފައިވެއެވެ.
ޣައްޒާގެ ސަރުކާރުން ހާމަކުރި ގޮތުގައި، މި މުއްދަތުގެ ތެރޭގައި އިސްރާއީލުން 969 ފަހަރު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެފައިވެއެވެ. މި އަމަލުތަކުގެ ސަބަބުން 418 މީހުން ޝަހީދުވެ، 1،100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.



