އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 904 މިލިއަން ޑޮލަރަށް އުފުލޭނެ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ލަފާކޮށްފިއެވެ.
އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ހިނގާ އަހަރު ނިމޭއިރު ރިޒާވް ހުންނާނެ ކަމަށް ބެލެވެނީ 849 މިލިއަން ޑޮލަރުގައެވެ. މިއީ 2024 ވަނަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރި 674 މިލިއަން ޑޮލަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
ރިޒާވްގެ ހާލަތު ރަނގަޅުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ބޭންކްތަކަށް މާރުކުރި ޑޮލަރުގެ މިންވަރު އިތުރުވުމާއި، ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލުތަކާއެކު މީރާއަށް ލިބުނު އާމްދަނީ އިތުރުވުން ހިމެނެއެވެ.
މީގެ އިތުރުން، ސާކް ފްރޭމްވޯކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާއާ އެކު ސޮއިކޮށްފައިވާ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ ސަބަބުން ވެސް ރިޒާވަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް އެމްއެމްއޭ އިން ފާހަގަކުރެއެވެ.
އިގްތިސާދީ ކުރިއެރުމަށް ބަލާއިރު، އަންނަ އަހަރުގެ އޭޕްރީލް މަހު ދައްކަންޖެހޭ ސުކޫކް ރީފައިނޭންސް ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާއެކު، ކުރު މުއްދަތަކަށް ރާއްޖޭގެ ބޭރު ފައިސާގެ ހާލަތު އިތުރަށް ރަނގަޅުވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތުމުން ބޭރުގެ ބައެއް ނިންމުންތަކުގެ އަސަރު ކުރުމުގެ ފުރުސަތު އޮތް ކަމުގެ އިންޒާރު އެމްއެމްއޭ އިން ވަނީ ދީފައެވެ.
ވަކިން ހާއްސަކޮށް އެމެރިކާގެ ވިޔަފާރި ސިޔާސަތުތަކަށް އަންނަ ބަދަލުތަކާއި، ދައުލަތުގެ ފިސްކަލް ހާލަތު ރަނގަޅު ނުވެއްޖެނަމަ މާލީ އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ވަނީ 5.4 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. މި ކުރިއެރުން ލިބުނީ ފަތުރުވެރިކަމުގެ އިތުރުން ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތްތައް ފުޅާވުމުގެ ސަބަބުންނެވެ.
އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވެނީ 4.8 އިންސައްތައާއި 5.3 އިންސައްތައާ ދެމެދުގެ މިންވަރަކަށެވެ.
ސަރުކާރުން މި އަހަރަށް ފާސްކުރި 64 ބިލިއަން ރުފިޔާގެ ބަޖެޓުގައި، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. ބަޖެޓުގެ ޖުމުލަ ހަރަދަކީ 49.9 ބިލިއަން ރުފިޔާއަށްވާއިރު، އޭގެ ތެރެއިން 39.9 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 62 އިންސައްތަ ހިމަނާފައިވަނީ ހިންގުމުގެ ހަރަދަށެވެ.
ރާއްޖޭގެ ރިޒާވް ވަރުގަދަ ކުރުމަށްޓަކައި އެމްއެމްއޭ އިން ދަނީ ބޭރުފައިސާގެ އައު ގާނޫނުގެ ދަށުން ބޭންކުތަކަށް ލިބޭ ޑޮލަރުގެ 60 އިންސައްތަ ބޭނުންކުރަމުންނެވެ. މީގެ އިތުރުން ފަތުރުވެރިކަމުން ލިބޭ ބޭރުފައިސާގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ ވެސް ރިޒާވް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް އެމްއެމްއޭ ފާހަގަކުރެއެވެ.




