ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެކުލަވާލާ އެ ކްލަބުގެ ބީ ޓީމުގެ ސްކޮޑުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމެއިރު މުހައްމަދު މުއިއްޒު ހިމަނައިފިއެވެ.
ނިއުގެ ޗެއާމަން އަހުމަދު މުބީން ވިދާޅުވީ، ސީޒަން ފެށުނީއްސުރެ އެ ކްލަބުން އަންނަނީ ބީ ޓީމެއް އެކުލަވާލުމަށްޓަކައި ހުނަރުވެރި ޒުވާން ކުޅުންތެރިން ހޯދަމުން ކަމަށާއި، އުމެއިރަކީ އޭގެ ތެރެއިން އެއް ކުޅުންތެރިއެއް ކަމަށެވެ.
އުމެއިރުގެ އިތުރުން މި ސްކޮޑުގައި ނިއުގެ ކުރީގެ މަޝްހޫރު ކުޅުންތެރިން ކަމަށްވާ މުހައްމަދު ނާސިރުގެ ދަރިފުޅާއި، އަހުމަދު ނާޒް (އާކޭ) ގެ ދަރިފުޅު ވެސް ވަނީ ހިމަނާފައެވެ.
ހުނަރުވެރި ޓޭބަލް ޓެނިސް ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ އުމެއިރު ވަނީ ދާދި ފަހުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވި ފުޓްބޯޅަ މެޗުގައި ވެސް ކުޅެފައެވެ.
މުބީން ވިދާޅުވީ ބީ ޓީމަށް ގެނައި ޒުވާން ކުޅުންތެރިން މިހާރު ވަނީ ސީނިއާ ޓީމުގެ ސްކޮޑުގައި ވެސް ހިމަނާފައި ކަމަށެވެ.
”ދަނޑުގެ ދަތިކަން ހުރުމުން، މިވަގުތު ބީ ޓީމުގެ ތަމްރީންތައް ކުރިއަށްދާނީ ސީނިއާ ޓީމާ އެކުގަ. ކޯޗަށް އޮންނާނެ އެ ކުޅުންތެރިން މެޗު ޑޭ ސްކޮޑަށް ނެގުމުގެ އިހުތިޔާރު،“ މުބީން ވިދާޅުވިއެވެ.
ނަމަވެސް ކުރިމަގުގައި ބީ ޓީމަކީ އެސިސްޓަންޓް ކޯޗު މުހައްމަދު ފައިސަލް (ކަޓޭ) ގެ ބެލުމުގެ ދަށުން ވަކިން ތަމްރީންތައް ކުރިއަށްގެންދާނެ ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް މުބީން ފާހަގަކުރެއްވިއެވެ.
މުބީން އިތުރަށް ވިދާޅުވީ ބީ ޓީމަކީ ސީނިއާ ޓީމަށް ބޭނުންވާ ކުޅުންތެރިން ތަމްރީން ކުރުމަށް ބޭނުންކުރާނެ މުހިންމު ޕްރޮޖެކްޓެއް ކަމަށާއި، ޔޫތު މުބާރާތްތަކުގައި ވެސް ވާދަކުރާނީ މި ޓީމުން ކަމަށެވެ. މީގެ އިތުރުން ޖޫނިއާ ކުޅުންތެރިންނަށް އަމާޒުކޮށްގެން ނިއުގެ އެކަޑަމީގެ މަސައްކަތްތައް ވެސް ވަރަށް އަވަހަށް ފެށުމަށް ވަނީ ރޭވިފައެވެ.




