ގައުމީ އެއާލައިން، މޯލްޑިވިއަނުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް އަލުން ސީދާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.
މި ދަތުރުތައް އަލުން ފެށުމަށް ހަމަޖެހިފައިވަނީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް އިން މައުލޫމާތު ދެއެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، ޑާކާއަށް އަލުން ދަތުރުތައް ފަށަން ނިންމީ ބަންގްލަދޭޝް އިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދިއުމާއި، އެ ގައުމުން މުދާ އެތެރެކުރާ މިންވަރު އިތުރުވެ ޑިމާންޑް ބޮޑުވެފައިވާތީ ކަމަށެވެ.
އެގޮތުން، އަންނަ މާޗް މަހުގެ 12 ވަނަ ދުވަހުން ފެށިގެން މި ދަތުރުތައް ރަސްމީކޮށް ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.
މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ އޭ320 މަރުކާގެ މަތިންދާބޯޓެވެ. ކޮންމެ ހަފްތާއަކު ދެ ފްލައިޓް ބޭއްވުމަށް ނިންމާފައިވާއިރު، ދެކޮޅު ޓިކެޓުގެ އަގު ފެށެނީ 399 ޑޮލަރުން ކަމަށް އެއާލައިނުން ބުނެއެވެ.
މޯލްޑިވިއަނުން މީގެ ކުރިންވެސް ޑާކާއަށް ދަތުރުތައް ކުރަމުން އައި ނަމަވެސް، އެކި ސަބަބުތަކާހުރެ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން އެ ދަތުރުތައް އޮތީ މެދުކަނޑާލާފައެވެ.




