މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފަށް، އެވިޑު ކޮލެޖުގެ ޕްރޮގްރާމްތައް ސްރީލަންކާގައި ހިންގަމުންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެމްކިއުއޭއިން ބުނި ގޮތުގައި ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒުތަކުން ރާއްޖޭން ބޭރުގައި ޕްރޮގްރާމްތައް ހިންގުމުގެ ކުރިން ހޯދަންޖެހޭ ހުއްދަތައް އެވިޑު ކޮލެޖުން ހޯދާފައެއް ނުވެއެވެ.
މިކަމާއި ގުޅިގެން އެމްކިއުއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެވިޑު ކޮލެޖުން އެ އޮތޯރިޓީގެ އެކްރެޑިޓޭޝަން ގަވާއިދާއި، ”ގައިޑްލައިންސް ފޯ ޕްރޮގްރާމް އެކްރެޑިޓޭޝަން” ގެ އިތުރުން، ރާއްޖޭން ބޭރުގައި ޕްރޮގްރާމްތައް ހިންގުމާބެހޭ ގަވާއިދާ ކަނޑައެޅިގެން ހިލާފުވެފައިވާ ކަމަށެވެ.
މިކަން ފާހަގަވީ އެވިޑު ކޮލެޖުން ހުއްދަ ދީފައިވާ ބައެއް ޕްރޮގްރާމްތައް ސްރީލަންކާގެ ”އެމަޒޯން ކޮލެޖު” އަދި ”އަލްޒެޓް ޔުނިވަރސިޓީ“ ގައި ހިންގައި، އެ ތަންތަނުން ކޯސް ނިންމި ދަރިވަރުންނަށް އެވިޑު ކޮލެޖުގެ ސަނަދު ދީފައިވާކަން ކަށަވަރުވުމުން ކަމަށް އެމްކިއުއޭއިން ބުންޏެވެ. މީގެ އިތުރުން، ސްރީލަންކާގެ ”ޗެސްޓާ ކޮލެޖު އޮފް ހަޔަރ އެޑިޔުކޭޝަން“، ”އިމްޕީރިއަލް ވިސްޑަމް ގްރެޖުއޭޓް ކެމްޕަސް“، ”އިނޮވޭޓަސް ކެމްޕަސް“، ”ސިލޯން ކޮލެޖު އޮފް އެޕްލައިޑް ސްޓަޑީޒް“ އަދި ”ބިޓްވިން ކެމްޕަސް“ ގައިވެސް އެވިޑު ކޮލެޖުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށް ބުނެ އިޝްތިހާރުކޮށްފައިވާކަން އެމްކިއުއޭއަށް ފާހަގަވެފައިވާ ކަމަށް ވިދާޅުވިއެވެ.
އެމްކިއުއޭއިން ވިދާޅުވީ، މި ތަންތަނަކީ ސްރީލަންކާގެ ކަމާބެހޭ މަތީ ތަޢުލީމުގެ އިދާރާތައް ކަމަށްވާ ޓީވީއީސީއާއި ޔޫޖީސީ ނުވަތަ އެޤައުމުގެ އެޑިޔުކޭޝަން މިނިސްޓްރީގައި މަތީ ތަޢުލީމު ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ތަންތަނެއް ނޫން ކަމަށެވެ.
އެމްކިއުއޭއިން ހާމަކުރި ގޮތުގައި، 29 އޮގަސްޓް 2024 އިން ފެށިގެން މިކަންކަން އިސްލާހު ކުރުމަށް އެވިޑު ކޮލެޖަށް ތަކުރާރުކޮށް އަންގައި ނަސޭހަތްތެރިވެފައިވެއެވެ. ނަމަވެސް، މިއަދާ ހަމައަށްވެސް އެއްވެސް ހުއްދައެއް ނެތި މިފަދަ ޕްރޮގްރާމްތައް ހިންގަމުންދާކަން ލިޔެކިޔުންތަކުން ފެންނަން އޮތް ކަމަށް އެއެމްކިއުއޭއިން ބުނެއެވެ.
މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ މަތީ ތައުލީމުގެ މުއައްސަސާތަކަށް އޮތް އިތުބާރު ގެއްލި، ބޭރުގެ ދަރިވަރުން ރާއްޖޭގެ ސަނަދުތަކާ މެދު ސުވާލު އުފައްދާނެ ކަމުގެ ކަންބޮޑުވުން އެމްކިއުއޭއިން ވަނީ ފާޅުކޮށްފައެވެ.
އެހެންކަމުން، އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން، އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އެވިޑު ކޮލެޖަށް ނަސޭހަތްތެރިވެ، އެކަން މިހާރު ވަނީ އާންމުކޮށް އިއުލާނުކޮށްފައެވެ.




1 Comment
އެމް.ކިއު.އޭ ގައި މިހާރު ތިއިންނެވި ކަމަނާއަކީ ތިމާވަރުގެ މޮޅު ބޮޑާ މީހެއްކަމަށް ދެކިގެން އުޅޭ މީހެއް. މަތީ ތައުލީމު އުނގެނުނީ އޭނާ އެކަނި ކަމަށް ބަލާ އެހެން މީހުންނަށް ހިތުހުރިހާ ގޮތަކަށް އަމަލު ކުރަނީ.