ވެނެޒުއެލާގެ ވެރިކަން ކުރާނެ ގޮތް ދެން ނިންމާނީ އެމެރިކާއިން ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ބުނެފިއެވެ.
ޓްރަމްޕް މިހެން ބުނީ، އެމެރިކާގެ އަސްކަރިއްޔާއިން މިއަދު ފަތިހު ވެނެޒުއެލާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމަށްފަހުގައެވެ.
މިއަދު ފަތިހު ދޭން ފެށި މި ހަމަލާތަކަކީ ނިކޮލަސް މަޑޫރޯގެ ސަރުކާރާ ދެކޮޅަށް އެމެރިކާއިން ފެށި ހަރަކާތްތަކުގެ ތެރެއިން ދިން ހަމަލާތަކެކެވެ. މި އަސްކަރީ އޮޕަރޭޝަނުގެ ތެރެއިން ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސީލިއާ ފްލޮރެސް ވަނީ ހައްޔަރުކޮށްގެން ގައުމުން ބޭރަށް ގެންގޮސްފައެވެ.
މަޑޫރޯ ހައްޔަރުކުރުމާ ގުޅިގެން ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ، ވެނެޒުއެލާއާ މެދު ދެން އަމަލުކުރާނެ ގޮތަކާ މެދު އެމެރިކާއިން މިހާރު ދަނީ ގޮތްތަކެއް ނިންމަމުން ކަމަށެވެ. ޓްރަމްޕް އިތުރަށް ބުނީ މަޑޫރޯގެ ވެރިކަން ނިމުމަކަށް އައުމުން އެހެން މީހަކަށް ފުރުސަތު ދިނުމުގެ ނުރައްކާ އެމެރިކާއިން ނުނަގާނެ ކަމަށެވެ.
”މަޑޫރޯ ދޫކޮށްލި ހިސާބުން އެހެން މީހަކަށް ފުރުސަތު ދިނުމުގެ ރިސްކެއް ނުނެގޭނެ. އެހެންވީމާ، އަޅުގަނޑުމެން މިހާރު އެ ނިންމުން މިގެންދަނީ. އަޅުގަނޑުމެން މިކަމުގައި ވަރަށް ބޮޑަށް ޝާމިލުވާނަން.“ ޓްރަމްޕް ބުންޏެވެ.
މީގެ އިތުރުން ޓްރަމްޕް ބުނީ، ވެނެޒުއެލާގެ އިދިކޮޅު ލީޑަރު ވެރިކަމާ ހަވާލުވާންޖެހޭތޯ ނުވަތަ ނޫންތޯ ވެސް އެމެރިކާއިން ވިސްނާނެ ކަމަށެވެ.



