އެމެރިކާއިން ވެނެޒުއެލާއަށް ޙަމަލާދީ އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށް ޤައުމުން ބޭރަށް ގެންދިޔުމާ ގުޅިގެން، ބައިނަލްއަޤްވާމީ ދުނިޔޭގެ ބޮޑެތި ބާރުތަކާއި ގިނަ ޤައުމުތަކެއްގެ ފާޑުކިޔުން އެމެރިކާއަށް އަމާޒުވެއްޖެއެވެ.
މި ޙަމަލާއަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލެއްގެ ގޮތުގައި ގިނަ ޤައުމުތަކަކުން ވަނީ ސިފަކޮށްފައެވެ.
ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ވަނީ މި ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ރަޝިޔާއިން ބުނި ގޮތުގައި މިފަދަ ޙަމަލާއެއް ދޭންޖެހޭ އެއްވެސް މަޤުބޫލު ސަބަބެއް ނެތް ކަމަށާއި، މި ޙާލަތުގައި މަޝްވަރާގެ މަގު އިޚްތިޔާރުކުރުން މުހިންމު ކަމަށެވެ. އަދި މި މައްސަލައިގައި އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވެސް ރަޝިޔާއިން ވަނީ ގޮވާލައިފައެވެ.
ޗައިނާއިން ވެސް ވަނީ އެމެރިކާގެ މި ޢަމަލަކީ ވެނެޒުއެލާގެ އިސްތިޤުލާލަށް އަރައިގަތުން ކަމަށް ބުނެފައެވެ. ޗައިނާގެ ޚާރިޖިއްޔާއިން ފާހަގަކުރި ގޮތުގައި ބާރުގެ ބޭނުންކޮށްގެން ހިންގި މި ޙަރަކާތަކީ އދގެ ޗާޓަރާ ކަނޑައެޅިގެން ޚިލާފު ކަމެކެވެ.
ވެނެޒުއެލާ ހިމެނޭ ސަރަޙައްދުގެ ޤައުމުތަކުން ވެސް ވަނީ މިކަމާ މެދު ނުރުހުން ފާޅުކޮށްފައެވެ. ބްރެޒިލުން ބުނީ އެމެރިކާއިން ހުރަސްކޮށްފައިވަނީ ހުރަސްކޮށްގެން ނުވާނެ ރޮނގެއް ކަމަށާއި، މީގެ ސަބަބުން މުޅި ސަރަޙައްދުގެ ހަމަޖެހުމަށް ނުރައްކާވެފައިވާ ކަމަށެވެ. މެކްސިކޯ، ކެމްބޯޑިޔާ އަދި ޗިލީ ފަދަ ޤައުމުތަކުން ވެސް ވަނީ ވެނެޒުއެލާގެ އިސްތިޤުލާލަށް އިޚްތިރާމްކުރުމަށާއި، ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކަށް ސަމާލުވުމަށް ގޮވާލައިފައެވެ.
މި ޙަމަލާއަށް ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ބައެއް ޤައުމުތަކުން ވަނީ މިކަމަށް ތާއީދުކޮށްފައެވެ. އާޖެންޓީނާގެ ރައީސް ހާވިޔަރ މިލޭ މި ޙަރަކާތަށް މަރުޙަބާ ކިޔުއްވަމުން ވިދާޅުވީ، މިއީ މިނިވަންކަމާ ގާތަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. އެކުއެޑޯރގެ ރައީސް ޑެނިއެލް ނޮބޯ ވެސް ވަނީ މިއީ ވެނެޒުއެލާއަށް ސިޔާސީ ބަދަލުތަކެއް ގެނައުމަށް ލިބުނު ފުރުޞަތެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
ވިލާތުގެ އިއްތިޙާދުން ބުނީ މަދޫރޯގެ ސަރުކާރުގެ ޤާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެދުނު ނަމަވެސް، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދގެ ޗާޓަރުތަކަށް އިޚްތިރާމްކުރަންޖެހޭނެ ކަމަށެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓަރމަރ ވިދާޅުވީ މި ޙަމަލާއާ އެ ޤައުމާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތައް ދަމަހައްޓަންޖެހޭނެ ކަމަށެވެ. ފަރަންސޭސީވިލާތުން ބާރުއެޅީ ވެނެޒުއެލާގެ މުސްތަޤުބަލު ނިންމުމުގެ އިޚްތިޔާރު އެ ޤައުމުގެ ރައްޔިތުންނަށް އޮންނަންޖެހޭނެ ކަމަށެވެ.
ޔޫކްރެއިނުން މިކަމާ ގުޅޭގޮތުން ބުނީ، މަދޫރޯގެ ވެރިކަމަކީ ހުދުމުހުތާރު ވެރިކަމެއް ކަމަށާއި، އެ ޤައުމުން އަބަދުވެސް ވަކާލާތު ކުރަނީ ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތައް ދެމެހެއްޓުމަށް ކަމަށެވެ. ނަމަވެސް ހުރިހާ ކަމެއްވެސް ބައިނަލްއަޤްވާމީ އުޞޫލުތަކުގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ޔޫކްރެއިނުން ވެސް ވަނީ ބާރުއަޅާފައެވެ.



