ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށްޓަކައި، މަޖިލީހުގެ ދައުރުގެ މުއްދަތަށް ބަދަލު ގެނައުމަށް ޤާނޫނު އަސާސީއަށް އިސްލާޙު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙެވެ.
މި ބިލު ހުށަހެޅި މައިގަނޑު މަޤްޞަދަކީ ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމެވެ. މި ބަދަލާއެކު މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލަށްވެސް އިސްލާޙުތަކެއް އަންނާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ބިލުގައިވާ ގޮތުން، ކުރިއަށް އޮތް ތަނުގައި މަޖިލިސް އިންތިޚާބު ބާއްވާނީ ޤާނޫނު އަސާސީގެ 110 ވަނަ މާއްދާގެ ދަށުން ބާއްވާ ރިޔާސީ އިންތިޚާބާ އެކުގައެވެ. އަދި މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 5 އަހަރު ދުވަސް ކަމަށާއި، އެ މުއްދަތު ހަމަވުމުން މަޖިލިސް އުވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
އަލަށް އިންތިޚާބު ކުރާ މަޖިލީހުގެ ފުރަތަމަ ޖަލްސާވެސް ބާއްވަން ޖެހޭނީ ޑިސެމްބަރު 1 ގައެވެ.
މި އިސްލާޙުގެ ސަބަބުން މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުވެގެންދާނެއެވެ. މިހާރު ޤާނޫނު އަސާސީ އޮތްގޮތުން 20 ވަނަ މަޖިލީހުގެ ދައުރު 2029 އަށް ހަމަވި ނަމަވެސް، އައު އިސްލާޙުގެ ދަށުން 1 ޑިސެމްބަރު 2028 އަށް މަޖިލީހުގެ އުމުރު ހަމަވެ، އެ ތާރީޚުގައި އައު މަޖިލީހުގެ ޖަލްސާ ބާއްވަން ޖެހޭނެއެވެ.
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަކީ، ގިނަ ރައްޔިތުންތަކެއް އެދެމުން އައި ކަމެކެވެ. ދެ އިންތިޚާބު އެއްކުރުމުގެ ސަބަބުން ވޯޓުލާ މީހުންގެ އަދަދު އިތުރުވެ، އިންތިޚާބުތަކަށް ހޭދަ ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެ ކަމަށް ސަރުކާރުން ޤަބޫލު ކުރައްވައެެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި، ދެ އިންތިޚާބު ދޭތެރޭ އޮންނަ ކުރު މުއްދަތުގެ ސަބަބުން ކޮމިޝަނުގެ މުވައްޒަފުންނަށާއި، ސިޔާސީ ޕާޓީތަކަށާއި ކެންޑިޑޭޓުންގެ އިތުރުން ވޯޓުލާ މީހުންނަށްވެސް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެއެވެ.
އެހެންކަމުން ދެ އިންތިޚާބު އެއްކޮށްލުމަކީ އިދާރީ ގޮތުންނާއި މާލީ ގޮތުން ލިބޭނެ ބޮޑު ލުޔެއް ކަމަށް އެ ކޮމިޝަނުން ފާހަގަކުރެއެވެ.



