ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ތާއީދުކުރައްވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކީގައި ބޭއްވުން އެއީ ރަނގަޅު ގޮތެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
މި ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ސަރުކާރުގެ ފަރާތުން މިހާރު ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާފައެވެ.
އިނގުރައިދޫގެ މެމްބަރު ފަލާހު ހުށަހެޅުއްވި މި އިސްލާހުގެ ބިލުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށް ބާއްވަންޖެހޭ އިންތިހާބު ބާއްވާނީ، ގާނޫނުއަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިހާބާއެކު ކަމަށެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް ކަނޑައެޅުމަށްވެސް ވަނީ ހުށަހަޅާފައެވެ.
މި އިސްލާހުގައިވާ ގޮތުން، މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވާލުމާއެކު، އަލަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުމަށާއި އިބްތިދާއީ ބަހުސް ފެށުމަށް ވަނީ ދައުރުން ބޭރުގައި މާދަމާ ބާއްވާ ޖަލްސާއަށް އެޖެންޑާކޮށްފައެވެ.




