ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ، ފީފާގެ ބެޖު މި އަހަރުވެސް ދިވެހި 12 ރެފުރީންނާއި އެސިސްޓަންޓް ރެފުރީން ހާސިލުކޮށްފިއެވެ.
މިއާއެކު ރާއްޖެއަށް ފީފާއިން ކަނޑައަޅާފައިވާ ހުރިހާ ސްލޮޓެއް ދިވެހި ރެފުރީން ވަނީ ފުރިހަމަކޮށްފައެވެ.
މި އަހަރަށް ފީފާ ބެޖު ލިބިފައިވަނީ ޖުމްލަ ފަސް ރެފުރީންނާއި ހަތް އެސިސްޓަންޓް ރެފުރީންނަށެވެ. ފީފާ ބެޖު ހާސިލުކުރި ފަސް ރެފުރީންނަކީ އާދަމް ފަޒީލް، ޒަހީރު ހުސެއިން، މުޙައްމަދު ޖާވިޒް، އަފްޝީން ނަސީރު އަދި ސިނާން ހުސެއިން އެވެ.
މި ރެފުރީންގެ ތެރެއިން ފަޒީލް އާއި ޖާވީޒް ފީފާގެ ބެޖު އެންމެ ފުރަތަމަ ހާސިލުކުރީ 2016 ވަނަ އަހަރެވެ. ސިނާނަށް 2020 ވަނަ އަހަރު ފީފާ ބެޖު ލިބުނުއިރު، ޒަހީރު ވަނީ 2024 ވަނަ އަހަރު މި ޝަރަފު ހާސިލްކޮށްފައެވެ. އަދި އެންމެ ފަހުން މި ލިސްޓަށް އިތުރުވީ މިދިޔަ އަހަރު ބެޖު ހާސިލުކުރި އަފްޝީނެވެ.
ކުރިއަށް އޮތް އަހަރަށް ފީފާ ބެޖު ހާސިލުކުރި ހަތް އެސިސްޓަންޓް ރެފުރީންނަކީ ޖައުފަރު ރަޝީދު، އަޙްމަދު ޢަބްދުﷲ، އަޙްމަދު އަފްސަހު، ނިއުޝާދު މުޙައްމަދު، އަޙްމަދު ހަސަން، ޢަބްދުﷲ ޝާތިރު އަދި ރައީފް ރައޫފް އެވެ.
އެސިސްޓަންޓް ރެފުރީންގެ ތެރެއިން އަފްސަހު އާއި ޖައުފަރު ފީފާ ބެޖު އެންމެ ފުރަތަމަ ހާސިލްކުރީ 2012 ވަނަ އަހަރެވެ. އަޙްމަދު އަބްދުﷲ އަށް 2015 ވަނަ އަހަރު މި ބެޖު ލިބުނުއިރު، އަޙްމަދު ހަސަން ބެޖު ހާސިލުކުރީ 2023 ވަނަ އަހަރެވެ.
އަދި ރައީފް އާއި ޝާތިރު ވަނީ 2024 ވަނަ އަހަރު ފީފާ ބެޖު ހާސިލުކޮށް، މި އަހަރުވެސް އެ ފެންވަރުގައި ދެމިތިބިކަން ސާބިތުކޮށްދީފައެވެ.



