ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ރައީސްގެ މަގާމަށް، އެ ކޮމިޝަނުގެ މެންބަރު އަދި ކުރީގެ ވަޒީރު ޑރ. އާއިޝަތު ރަމީލާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެ މަގާމަށް ޑރ. ރަމީލާގެ ނަން ހުށަހެޅުއްވުމާ ގުޅިގެން ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހުއެވެ.
މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ޑރ. ރަމީލާގެ ނަން ފާސްކޮށްފައިވާއިރު، ކޮމިޓީގެ ރިޕޯޓު ހުށަހެޅުމަށްޓަކައި ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މިހާރު ވަނީ އެޖެންޑާކޮށްފައެވެ.
ޑރ. ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.
އެޗްއާރުސީއެމްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މަރިޔަމް މުނާގެ މެންބަރުކަމުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. ގާނޫނުގައިވާ ގޮތުން އެ ކޮމިޝަނުގެ ރައީސްގެ މަގާމަށް މެންބަރަކު އައްޔަންކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.
ޑރ. އާއިޝަތު ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރެވެ. ނަމަވެސް، ސިއްހީ ހާލަތު ހުރި ގޮތުން 1 ޑިސެމްބަރު 2024 ގައި އެކަމަނާ ވަނީ ވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭގެ ފަހުން އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރަން މަޖިލީހުން ރުހުން ދިނީ މިދިޔަ އޮކްޓޫބަރު މަހުގެ 29 ގައެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެޗްއާރުސީއެމްގައި މިހާރު ތިއްބަވަނީ ނައިބު ރައީސް މުހައްމަދު ޝަފީގު މަހްމޫދާއި، މެންބަރު ސަމާއު އަހުމަދު ނަޖީބާއި، އިސްމާއިލް ހަބީބާއި، އަހުމަދު މަގުސޫމްގެ އިތުރުން ޑރ. އާއިޝަތު ރަމީލާއެވެ.


