ކްރިމިނަލް ކޯޓުގެ އައު އިމާރާތާއެކު އެ ކޯޓުގެ މަސައްކަތްތައް ބާރުސްޕީޑެއްގައި ކުރިއަށްދާކަން އެ ކޯޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އައު އިމާރާތަށް ބަދަލުވުމާ ގުޅިގެން މަހެއްގެ މައްޗަށް މައްސަލަ ނިންމާ މިންވަރު ވަނީ 140 އިންސައްތަ އިތުރުވެފައެވެ.
ކްރިމިނަލް ކޯޓުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އެ ކޯޓަށް ޖުމްލަ 1062 މައްސަލަ ހުށަހަޅާފައިވެއެވެ. އަދި ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 1380 މައްސަލައެއް މިދިޔަ އަހަރު ވަނީ ނިންމާފައެވެ. މިއީ 2024 ވަނަ އަހަރު ނިންމި 649 މައްސަލައާ އަޅާބަލާއިރު 113 އިންސައްތައިގެ ކުރިއެރުމެކެވެ.
ކޯޓުން ބުނިގޮތުގައި މިދިޔަ އަހަރު މައްސަލަ ނިންމި ރޭޓު ހުރީ 130 އިންސައްތައިގައެވެ.
ކޯޓުގައި މައްސަލަތައް ނުނިމި ގިނަ ދުވަސްވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ޑިޕާޓްމެންޓް އޮފް ޖޫޑީޝަލް އެޑްމިނިސްޓްރޭޝަނުން މީގެ ކުރިން ފާހަގަކޮށްފައިވަނީ ޖާގައިގެ ދަތިކަމެވެ. ނަމަވެސް ހުޅުމާލޭގައި ހުޅުވި އައު އިމާރާތާއެކު މި މައްސަލައަށް ވަނީ ބޮޑު ހައްލެއް ލިބިފައެވެ. އައު އިމާރާތަށް ބަދަލުވުމުގެ ކުރިން މަހެއްގެ މައްޗަށް އެވްރެޖްކޮށް ނިންމެނީ 72 މައްސަލަ ނަމަވެސް، މިހާރު މަހެއްގެ މައްޗަށް 175 މައްސަލަ ނިންމާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ކޯޓުގެ 11 ގާޟީންގެ މެދުގައި މައްސަލަތައް ބެހިގެންދިޔައިރު، އެވްރެޖްކޮށް ކޮންމެ ގާޟީއަކު 113 މައްސަލަ ނިންމާފައިވެއެވެ.
ކްރިމިނަލް ކޯޓުން މައްސަލަތައް ނިންމާ މިންވަރު އިތުރުވެފައިވާއިރު، ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތް ”ވާނުވާ“ ބަންދުގެ މައްސަލައަށް މިއަހަރުގެ ތެރޭގައި ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.



