ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ދިނުމަށް ކަނޑައަޅާފައިވާ މާލީ އެހީ ދޫކުރުމުގެ މަސައްކަތުގެ ތެރެއިން، އެއް ކުންފުންޏަކުން ހިންގާ ދެ މީޑިއާއެއްގެ މައްސަލަ ފާހަގަކުރެވިގެން އެ ދެ މީޑިއާއަށް ފައިސާ ދިނުން މަޑުޖައްސާލައި، ބާކީ 40 މީޑިއާއަށް ފައިސާ ދޫކުރުމަށް ޔޫތު މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ހާމަކޮށްފިއެވެ.
މީޑިއާ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލުމުން 57 މީޑިއާއަކުން ޕޯޓަލްގައި ޕްރޮފައިލް ހަދާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ކަނޑައެޅިފައިވާ ޝަރުތު ހަމަވެފައިވަނީ 41 މީޑިއާއެއް ކަމަށް ކޮމިޝަނުން ބުންޏެވެ.
ކޮމިޝަނުން ބުނީ، އެހީ ދިނުމަށް ނިންމި 41 މީޑިއާގެ ތެރޭގައި އެއް ކުންފުންޏަކުން ހިންގާ ދެ މީޑިއާއެއް ހިމެނޭތީ، އެ މައްސަލަ ހައްލުވަންދެން އެ ފައިސާ ހޯލްޑްކޮށްފައި ބަހައްޓަން މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެއް ކުންފުންޏަކުން ހިންގާތީ މައްސަލަ ޖެހިފައިވަނީ ”އެމްވީ ޕްލަސް“ އަދި ”ކޯޕަރޭޓް މޯލްޑިވްސް މެގަޒިން” އަށެވެ. މީގެ ތެރެއިން އެމްވީ ޕްލަސްއަށް 684,000 ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، ކޯޕަރޭޓް މޯލްޑިވްސް މެގަޒިންއަށް ދިނުމަށް ނިންމާފައިވަނީ 690,000 ރުފިޔާއެވެ.
މީޑިއާތަކަށް މާކްސް ދިނުމުގައި ބަލާފައިވާ މިންގަނޑުތަކުގެ ތެރޭގައި މީޑިއާ ހިންގާފައިވާ މުއްދަތާއި، މުވައްޒަފުންގެ އަދަދާއި، މީޑިއާ ހައުސްގެ ކުރިއެރުމަށް ހުށަހަޅާފައިވާ ބިޒްނަސް ޕްރޮފައިލްގެ އިތުރުން ކޮންޓެންޓުގެ ބާވަތާއި މުވައްޒަފުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާ ހިމެނެއެވެ.
ކޮމިޝަނުން ބުނި ގޮތުގައި މާލީ އެހީއަށް އެދި ހުށަހެޅި މީޑިއާތަކަށް ލިބިފައިވާ މާކްސްތައް މިހާރު ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެއެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި މީޑިއާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 28 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިއީ ދައުލަތުގެ ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 އިންސައްތައެވެ.
މި ފައިސާ ދޫކުރުމުގެ އިދާރީ މަސައްކަތްތައް ޔޫތު މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީ ގުޅިގެން މިހާރު ކުރިއަށްދާ ކަމަށް މީޑިއާ ކޮމިޝަނުން ބުނެފައިވެއެވެ.



