ޣައްޒާގެ ކަނޑުގެ ސަރަހައްދު ބަންދުކޮށްފައި އޮތުމުގެ ސަބަބުން ކުރިމަތިވަމުންދާ އިންސާނީ ދަތިތަކަށް ބައިނަލްއަގުވާމީ ސަމާލުކަން ހޯދުމަށް މަސައްކަތްކުރާ ގްލޯބަލް ސުމޫދު ފްލޮޓިލާގެ އިސް ވަފުދެއް މިއަދު ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
މި މަހުގެ 6 އިން 8 އަށް ރާއްޖެއަށް ކުރާ މި ތިން ދުވަހުގެ ދަތުރުގައި ހަތަރު މެންބަރުންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެއެވެ.
މި ވަފުދުގައި ހިމެނެނީ މި ހަރަކާތުގެ ސްޓިއަރިންގ ކޮމިޓީގެ އިސް މެންބަރުން ކަމަށްވާ ތިއާގޯ އަވިލާ، ސައީދު އަބޫކޭޝެކް، މުހައްމަދު ނާދިރު އަލް-ނޫރީއަދި ކްލިއޮނިކީ އެލެކްސޯޕޯލޯ އެވެ.
މި ޒިޔާރަތުގެ ތެރެއިން ފްލޮޓިލާގެ ވަފުދުން ސަރުކާރުގެ އިސްވެރިންނާއި، މަދަނީ ޖަމިއްޔާތަކުގެ އިތުރުން ގުޅުންހުރި އެކި ފަރާތްތަކާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުންތަކުގައި ފްލޮޓިލާގެ މަގުސަދުތަކާއި، މިހާތަނަށް ކުރެވިފައިވާ ތަޖުރިބާތަކާއި އަދި ކުރިއަށް ހުރި ރޭވުންތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރާނެއެވެ.
އިންޓަނެޝަނަލް އެއިޑް ކެމްޕައިން (އައިއޭސީ) އިން ބުނިގޮތުގައި، މި ހަރަކާތަކީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ރާއްޖެއިން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކާއި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ވަކާލާތުކުރާ އުސޫލުތަކާ ގުޅޭ މުހިންމު ހަރަކާތެކެވެ.

ސުމޫދު ފްލޮޓިލާއިން މިދިޔަ އަހަރު ކުރި މަސައްކަތްތަކާއި، މިއަހަރުގެ ބަހާރު މޫސުމަށް ރޭވިފައިވާ ކަންކަމުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމަކީވެސް މި ދަތުރުގެ އެއް ބޭނުމެއް ކަމަށް އައިއޭސީން ފާހަގަކުރެއެވެ.
ގްލޯބަލް ސުމޫދު ފްލޮޓިލާއަކީ ޢައްޒާގައި ދިގުލައިގެން ގޮސްފައިވާ އިންސާނީ ކާރިސާއަށް ދެވޭ ދެމެހެއްޓެނިވި، ސުލްހަވެރި ބައިނަލްއަގުވާމީ އިޖާބައެކެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ފެށި މި އިސްނެގުމަކީ ނޮން-ވައިލެންސް ނުވަތަ ސުލްހަވެރި ހަރަކާތްތަކުގެ މައްޗަށް ބިނާވެފައިވާ، މަދަނީ އިންސާނީ އެހީގެ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ކަނޑު ދަތުރުފަތުރުގެ މިނިވަންކަމާއި، އެއްވެސް ހުރަހެއް ނެތި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވަކާލާތުކޮށް، ޢައްޒާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ.




