މަސްވެރިން ބާނާ މަހަށް ސަރުކާރުން ގަވާއިދުން ފައިސާ ދޫކުރަމުން އަންނަ އުސޫލުގެ ދަށުން، 49 ދޯންޏަކަށް މިއަދު 1.4 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ.
މިފްކޯ އިން މީޑިޔާއާ ހިއްސާކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ފައިސާ ޖަމާކޮށްދީފައިވަނީ މި މަހުގެ 4 ވަނަ ދުވަހު ކިރުވި މަހަށެވެ.
އެގޮތުން މަސްދޯނި ފަހަރަށް މިއަދު ޖުމްލަ 1,473,841.28ރ. ޖަމާކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް 250 މިލިއަނެއްހާ ރުފިޔާ އޮތްކަން ފާހަގަކުރެވެއެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެ ފައިސާ ދޫކޮށް ނިންމަވައި، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު ވަނީ މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާފައެވެ.
މި ބަދަލާއެކު މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް އަންނަމުންދާ ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން މަސްވެރިން ބާނާ މަސް ކިރުވާ މިންވަރާއި، ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓްކުރާ މިންވަރުވެސް މިހާރު ވަނީ އިތުރުވެފައެވެ.



