އެމެރިކާގައި ނުރައްކާތެރި ރޯގާއެއް ކަމަށްވާ އިންފްލުއެންޒާ ވަރަށް ބޮޑަށް ފެތުރެން ފަށާފައިވާ ކަމަށް އެ ގައުމުގެ ސިއްހީ ވުޒާރާއިން ހާމަކޮށްފިއެވެ.
އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ހޯމަ ދުވަހު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި ސީޒަނުގެ މިހާތަނަށް 11 މިލިއަން މީހުންނަށް މި ރޯގާ ޖެހިފައިވާއިރު، ބަލީގައި 5،000 މީހުން ވަނީ މަރުވެފައެވެ.
ސީޑީސީން ބުނި ގޮތުގައި 2020 ވަނަ އަހަރުގެ ފަހުން، ރޯގާ ފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ޑޮކްޓަރުންނާއި އިމަޖެންސީ ރޫމުތަކަށް ދާ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި ހާލަތާ ގުޅިގެން 2025 ވަނަ އަހަރުގެ ފަހު ހަފުތާގައި އެ އެޖެންސީން ވަނީ ފުރަތަމަ ފަހަރަށް މި ބަލި ”މެދުމިނުގެ ސީރިއަސް“ ހާލަތެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
މި ބަލި އެންމެ ބޮޑަށް ފެތުރެން ފަށާފައިވަނީ އެމެރިކާގެ ހުޅަނގު އުތުރުގެ ސަރަހައްދުތަކުންނެވެ. އެގޮތުން ކެލިފޯނިއާ، އޮރެގަން އަދި ވޮޝިންޓަން ފަދަ ސްޓޭޓްތަކުގައި ބަލި ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު އެންމެ މަތީ ލެވެލްގައި ހުރިއިރު، އެ އަދަދުތައް އަދިވެސް ދަނީ އިތުރުވަމުންނެވެ.
ސީޑީސީން އިންޒާރު ދޭ ގޮތުގައި ކުރިއަށް އޮތް ތަނުގައި ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ.
މިފަހަރު ރޯގާ ފެތުރޭ މިންވަރު އިތުރުވެފައި ވަނީ ”ސުޕަ ފްލޫ“ ނަމަކަށް ކިޔާ އާ ވައްތަރެއްގެ ސަބަބުން ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިއީ އެޗް3އެން2 (H3N2) އިންފްލުއެންޒާ އާ ވައްތަރެކެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ބޮޑެތި މީހުންގެ ތެރެއިން ވެކްސިން ޖަހާފައިވަނީ %43 އަށް ވުރެ މަދު މީހުންނެވެ.



