ސައުދީ އަަރަބިއްޔާއަށް އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު ބަލިވެގެން، ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އުމްރާގެ އަޅުކަމުގައި އުޅެނިކޮށް ބަލިވި މި މީހާއަށް މިހާރު ދަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.
އަދި އެ މީހާ ރާއްޖެ ގެނައުމުގެ އިންތިޒާމުތައް އާއިލާއާ ގުޅިގެން ސަރުކާރުން ކުރަމުންދާ ކަމަށާއި، އުންމީދަކީ މި މަހުގެ 10 ވަނަ ދުވަހު އެ މީހާ މާލެ ގެނައުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި މަސައްކަތުގައި އެކި މުއައްސަސާތަކުގެ އެހީތެރިކަން ލިބެމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ ހާއްސަކޮށް މޯލްޑިވިއަންނާއި އައިޖީއެމްއެޗުން ދެމުން ގެންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.
މި އަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ގިނަ އަދަދެއްގެ ދިވެހިން ވަނީ އުމްރާގެ އަޅުކަމަށް ސައުދީއަށް ގޮސްފައެވެ. އެގޮތުން ހަތް ހާހަށް ވުރެ ގިނަ ދިވެހިން މިހާރު ސައުދީގައި ތިބި އިރު، ބަލިވި މީހާ ފިޔަވައި ޖުމުލަކޮށް އެންމެންގެ ހާލުވެސް ރަނގަޅު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



