ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ބެލުމުގެ ދަށުގައިވާ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދު (ކޮށީ ނަމްބަރު 387) ގައި ފީފާއިން ޚަރަދުކޮށްގެން ހަދަމުންދިޔަ ސްޕޯޓްސް އެރީނާ އާއި އޮފީސް ބިލްޑިން ހިމެނޭ ބިމުގައި، އަމިއްލަ ފަރާތެއްގެ އެއްވެސް މުދަލެއް ނުވަތަ އުޅަނދެއް ހުރި ނަމަ އެ އެއްޗެއް ނަގަން އަންގައިފިއެވެ.
އެފްއޭއެމް އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ އިމާރާތް ހިމެނޭ ބިން ފިޔަވައި އިތުރު ބިން އެކިކަންކަމަށް ދޫކޮށްފައިވާކަމުގެ ލިޔުން، 10 އޮގަސްޓް 2025 ވަނަ ދުވަހު އެ އެސޯސިއޭޝަނުން ކުރި އިޢުލާނާ ގުޅިގެން ލިބިފައިވާ ކަމަށެވެ.
އެހެންނަމަވެސް، 2017 ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހު ފުޓްބޯޅަ އެސޯސިއޭޝަނަށް މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ ބިން 50 އަހަރަށް ދޫކޮށްފައިވާ މަޤްސަދާއި ޚިލާފަށް، އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ނިންމުމެއްނެތި، އެކި ފަރާތްތަކަށް ގުދަން ހެދުމަށާއި އެކި ކަންކަންކަމަށް ބިން ދޫކޮށްފައިވާ އެއްބަސްވުންތަކަށް އަމަލު ނުކުރުމަށް، ހޯމަ ދުވަހު ބޭއްވި އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 9 ވަނަ ބައްދަލުވުމުން ވަނީ ނިންމާފައެވެ.

އެހެންކަމުން، އެފްއޭއެމް އިން ކަނޑައަޅާފައިވާ ސަރަހައްދުގައި، އަމިއްލަ ފަރާތެއްގެ / ކުންފުންޏެއްގެ މުދަލެއް، އުޅަނދެއް ފަދަ އެއްވެސް އެއްޗެއް ހުރިނަމަ، ކުރިއަށް އޮތް 14 (ސާދަ) ދުވަސްތެރޭގައި އެއެއްޗެއް ނެގުމަށް އެފްއޭއެމް އިން ވަނީ އަންގާފައެވެ.



