ޕްލޭނިން މިނިސްޓްރީން 14 ރަށެއްގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށްގެންދަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ 14 ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އުމްރާނީ ތަރައްޤީގެ 14 މަޝްރޫޢެއްގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް އިސްމާޢިލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީ އެވެ.
މިއަދު ސޮއިކުރެވުނު މަޝްރޫއުތަކުގެ ތެރޭގައި ގިނަ ރަށްތަކެއްގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.
އެގޮތުން ނ. ހެނބަދޫ، ނ. ހޮޅޮދޫ، ގއ. ކަނޑުހުޅުދޫ، ދ. ބަނޑިދޫ، ނ. މާޅެންދޫ އަދި ހއ. ވަށަފަރު ގައި ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ބައެއް ރަށްތަކުގެ ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައް ވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. މީގެ ތެރޭގައި ރ. އުނގޫފާރު ބަނދަރު ތަރައްގީކުރުމާއި، ހއ. މުރައިދޫ ބަނދަރުގެ ބޭރުތޮށި ތަރައްގީކުރުމުގެ އިތުރުން ނ. މާފަރު، ހއ. ފިއްލަދޫ އަދި ކ. ގާފަރު ގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.
އިތުރު މަޝްރޫއުތަކަށް ބަލާއިރު، ހއ. އިހަވަންދޫ ގައި އާޓިފިޝަލް ބީޗެއް ތަރައްގީކުރުމާއި، ރ. އަލިފުށީ އިންޑަސްޓްރިއަލް ޒޯން ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ވަނީ ހަވާލުކޮށްފައެވެ. އަދި ގދ. ފަރެސްމާތޮޑާ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ވެސް މިއަދު ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫއުތަކަކީ ރަށްރަށުގެ އުމްރާނީ ތަރައްގީއަށާއި، ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ އިތުރުން، އިގްތިސާދީ ހަރަކާތްތަކަށް ޖާގަ އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.



